ޚަބަރު

ރައްޔިތުންނަށްޓަކައި ސާބިތުކަމާއި އެކީ މަޖިލިސް ދެމިއޮންނާނެ


ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި ސާބިތުކަމާއި އެކީ ރައްޔިތުން މަޖިލިސް ދެމިއޮންނާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.

މީލާދީ އައު އަހަރުގެ ފެށުމުގެ މުނާސަބަތުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދެއްވި މެސެޖްގައި ވިދާޅުވެފައިވަނީ އައު އަހަރަށް މަރުހަބާ ކިޔާއިރު ކޮންމެ ދިވެއްސަކުވެސް ޤައުމާމެދު ހެޔޮގޮތުގައި ޢަމަލުކުރުމުގެ ޢަޒުމު އާކުރުމަކީ ވަރަށް މުހިންމު ކަމަށެވެ. މިގޮތުން ޤައުމު ދެކެ ލޯބިވެ ޤައުމަށް ހެޔޮއެދުމާއި މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދީ ދިވެހިޤައުމު ސައްތައިން ސައްތަ އިސްލާމީޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި ޤައުމު ތަރައްޤީކޮށް ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެވަންތަކަމަށް މަސައްކަތްކުރުމުގެ ޢަޒުމު ކަނޑައަޅަންޖެހޭކަމަށް މަސީހު ވިދާޅުވިއެވެ. އަދި މިކަންކަން ޢަމަލީ މައިދާނަށް ތިރިކޮށް ތަންފީޒުކުރުމުގައި އިތުރަށް ހަރަކާތްތެރިވުމަކީ މުހިންމު ކަމެއްކަމަށްވެސް މަސީހުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމާއި ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިސް ސާބިތުކަމާއެކު ދެމިއޮންނާނެކަމަށްވެސް މަސީހު ވިދާޅުވިއެވެ.

މީލާދީ އައު އަހަރުގެ މުނާސަބަތުގައި މަސީހު ދެއްވި މެސެޖުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންމުގައި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ކިޔުއްވާފައިވެއެވެ.