ވިޔަފާރި

މޯލްޑިވިއަން ސީޕްލޭން ފްލީޓްގެ އަދަދު 13 އަށް


ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ. 

ކެނެޑާއިން ގެނެސްފައިވާ މި ބޯޓަކީ ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ މޯލްޑިވިއަންގެ ސީޕްލޭން ޕްލީޓަށް މިއަހަރު ގެނައި ފުރަތަމަ ބޯޓެވެ. 

މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ކުންފުނިން ބުނެފައިވަނީ އަލަށް ގެނައި ބޯޓު ދިހަ ދުވަހުގެ ތެރޭގައި ޚިދްމަތަށް ނެރޭނެ ކަމަށެވެ. އެކުންފުނީގެ ހެޑް އޮފް ފައިނޭންސް މުޙައްމަދު ޝާހީން ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމަށް މަަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި އިތުރު 4 ސީޕްލޭން ޕްލީޓަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި އެޑް ކުރެވުނީ 13 ވަނަ އެއަރކްރާފްޓް. މި ބޯޓު މި ގެނެވުނީ ކެނެޑާއިން. މިއަހަރުތެރޭގަ އިތުރަށް އެބަ ރާވަން ގާތްގަނޑަކަށް އިތުރު 4 ފްލޭން އެޓްލީސްޓް ސީޕްލޭނަށް އިތުރުކުރާގޮތައް ރާވާފަ މިއޮތީ." އައިލޭންޑް އޭވިޢޭޝަންގެ ހެޑް އޮފް ފައިނޭންސް މުޙައްމަދު ޝާހީން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ގެނައި މިބޯޓަކީ 15 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 9 ރިސޯޓަކަށް ސީޕްލޭންގެ ޚިދުމަތްދެމުންނެވެ. އަދި ކުރިއަށްއޮތްތަނުގައި އިތުރު ރިސޯޓްތަކަށް މި ޚިދުމަތް ފުޅާކުރާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، އެއަރޕޯޓްތައް ތަރައްޤީވެގެން އަންނައިރު، އައިލެންޑް އޭވިއޭޝަނުން އަންނަނީ އެ ކުންފުނީގެ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

މިދިޔަ ޑިސެންބަރު މަހުގެތެރޭގައިވެސް މޯލްޑިވިއަނުން ވަނީ ޑީއެޗްސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެއް ސީޕްލޭން ފްލީޓަށް ގެނެސްފައެވެ.