ޚަބަރު

"ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %7 އިތުރު"


ވޭތުވެދިޔަ 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 7 އިންސަތަ އިތުރުވެފައިވާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރު ވިދާޅުވެޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވުން ފާހަގަކުރުމަށް ބޭއްވި "ވެލްކަމް 2018" ޝޯވގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރަށްވެސް ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ މަސައްކަތް ރާވާފައިވާކަމަށާއި އަންނަ އަހަރު މި ދާއިރާގެ ކުރިއެރުމަށް 100 މިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޝޯވގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް މުސާ ޒަމީރު ވިދާޅުވީ 2017ވަނަ އަހަރަކީ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރަކަށް ހެދުމަށް 2016 ވަނަ އަހަރު ގިނަ ޕްލޭންތަކެއް އެކުލަވާލާ މަސައްކަތްކޮށްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން އިޝްތިހާރްކުރުމަށް ގިނަ ގޮންޖެހުންތަކެއް 2017 ވަނަ ކުރިމަތިވިކަމަށެވެ. ނަމަވެސް އެކަންކަމުން އަރައިގަތުމަށް މުޢާސަލާތީގޮތުން ގިނަ މަސައްކަތް ކޮށްއެކަން ޙައްލުކޮށް ރާއްޖެއަށް އޮތް މާކެޓް ހިފަހައްޓާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ ބަދުނާމުވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަފެތުރިކަމަށާއި ނަމަވެސް ކުރެއްވި މަސައްކަތުން ރާއްޖެއާއިމެދު ފަތުރުވެރިން ކުރާ އިތުބާރު ދަމަހައްޓާފައިވާކަމަށެވެ.

މި ޝޯވ ގަ ވަނީ ރާއްޖޭގެ ތާރީޚާއި ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ވޭތުވެދިޔަ 17 އަހަރު ރާއްޖޭގައި ހިންގާފައިވާ މުހިންމު ކަންކަމާއި ގުޅޭގޮތުން ދިފާޢީ ވުޒާރާއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމެވެ.

img:http://s2.psmnews.mv/images/660x400/15147412857502.jpg|ވެލްކަމް 2018 ޝޯވ ގައި ރާޙަތް ފަތެޚް ޢަލީ ޚާން ލަވަކިޔަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

"ވެލްކަމް 2018" ޝޯވ ގައި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތް ފަތެހް އަލީ ޚާންއާއި ބޮލީވުޑްގެ ލަވަކިޔުންތެރިޔާ މީކާ ސިންގްގެ ރީތި ހުށަހެޅުންތަކައް ފެނުނެވެ. އެގޮތުން މި ދެ ލަވަކިޔުންތެރިންގެ މަޝްހޫރު ގިނަ ލަވަތަައް ހުށަހަޅާ ދިނެވެ. މި ޝޯވްގައި ރާއްޖޭގެ ގިނަ ލަވަކިޔުންތެރިންގެ ހުށައެޅުންތަކާއި، ބޮޑުބެރާއި، ބޮލީވިޑްގެ ޑާންސް ގްރޫޕެއްވެސް ބައިވެރިވިއެވެ.