ޚަބަރު

ތުފާން އޯޗީގައި ގެއްލުނު އިންޑިއާގެ މަސްބޯޓްތަކެއް ހޯދަނީ


ތޫފާން އޯޗީގައި ގެއްލުނު އިންޑިއާގެ މަސްބޯޓްތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ. 

އެމްއެންޑީއެފުން ބުނީ އިންޑީއާއިން ގެއްލުނު މަސްބޯޓްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެންކަމަށެވެ. އަދި މި މަސައްކަތުގައި ސްރީލަންކާ ކޯސްޓްގާޑުގެ އެހީތެރިކަން ހޯދަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ތޫފާން އޯޗީގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރި ޖަމާއަތަކުން، އިންޑިއާގެ ކޮމާޝަލް 8 ބޯޓެއް 36 މީހުންނާއި އެކު ހަރަކާތްތެރިވަމުންދާކަމަށްވެސް އިންޑިއާގެ އެމްބަސީ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ކަނޑުމަތިން ހާލުގައި ޖެހިފައިވާ މަސްބޯޓެއް ފެނޭތޯ ބަލާދިނުމަށާއި މިފަދަ އުޅަނދެއް ފެނިއްޖެނަމަ ކޯސްޓްގާޑު 191 އަށް ގުޅާ އެކަން އަންގާދިނުމަށްވެސް އެމްއެންޑީއެފުން އެދެއެވެ.

ތޫފާން އޯޗީގައި ގެއްލުނު ލަންކާގެ މަސްބޯޓެއްވެސް ރާއްޖޭގެ ސަރަހައްދުން މިމަހުގެ ތެރޭގައި ވަނީ ފެނިފައެވެ. ހަތް މީހުންނާއި އެކު އޮޔާދަނިކޮށް މި ބޯޓް ފެނިފައިވަނީ ހއ.ތުރާކުނުގެ 62 ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑް ޝިފް ހުރަވީއަށެވެ.