ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަކީ ޒުވާނުންނަށް ދައްކާ ދަޅައެއް ނޫން


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ޒުވާނުންނަށް ދައްކާ ދަޅައެއް ނޫންކަމަށާއި، މި ސަރުކާރަކީ ނަތީޖާ ހާސިލުކުރުމުގެ ޤާބިލްކަން ލިބިގެންވާ ސަރުކާރެއްކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ބަޔަކީ ޒުވާނުންކަމަށެވެ.

ޒުވާނުންގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވާ، އެކި އެކި ދާއިރާއިން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުމަށްޓަކާ ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު، އެކަމުގެ ނަތީޖާ ފެންނަމުންދާކަމަށެވެ. އަދި ރާއްޖޭގެ އެތަން މިތަނުގައި މިއިން ޒަމާނަކު ނުހިނގާވަރުގެ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް މިއަދު ހިނގަމުންދާއިރު، އެކަމުގެ މަންފާއާއި ފައިދާ ސީދާގޮތުންނާއި ނުސީދާގޮތުންވެސް އެންމެ ބޮޑަ ކުރާނެ އެއްބަޔަކީ ޒުވާނުންކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢަށް އިޝާރަތްކުރައްވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ސަރުކާރުން ހިންގަވާ މިފަދަ ބިޔަ މަޝްރޫޢުތަކަކީ ޒުވާނުންގެ ލޮލުގައި އަޅުވާ އަނދުނެއް ނޫންކަމަށާއި، އެ ހަޤީޤަތް މިއަދު ރައްޔިތުން ޤަބޫލްކުރާކަމަށެވެ. އަދި އެއްލަކަށް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއަކީ ސަރުކާރަށް ޙާސިލްކުރެވޭނެ ލަނޑުދަނޑިއެއްގެގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި މިހާރު ވަރަށް ގިނަ ކުންފުނިތަކެއް މިވަނީ ރައީސް ޔާމީންގެ މި ވިޝަނަރީ ޕްރޮޖެކްޓް ހިޔާ މަޝްރޫޢުގައި ބައިވެރިވެވަޑައިގެންފައި. މިގޮތުން ކުންފުނިތަކުގައި ތިއްބަވާ ޒުވާނުންނަށްވެސް އިވެންސްޓްކުރެއްވީމަ އެކުންފުންޏެއްގެ ފަރާތުން ގެދޮރު ބޭނުންވާ ޒުވާނުންނަށް ލިބިވަޑައިގަންނަވާއެބަ. އަޅުގަނޑު އުއްމީދުކުރާ ހިތްއޮތީ މި މަޝްރޫޢަކީ ފީޒަބަލް އަދި އަޅުގަނޑުމެންނަށް އެޗީވްކުރެވިދާނެ ލަނޑުދަނޑިއެއްކަމަށް" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ޒުވާނުންނަށް އެކި ރޮނގުރޮނގުން ކުރިއަށްދިއުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ފަހިކޮށްދިން ސަރުކާރަކީ މި ސަރުކާރުކަމަށެވެ. އަދި ސަރުކާރުން ޒުވާނުންގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތުގެ ނަތީޖާ، ތަޢުލީމީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހޯދާ ކާމިޔާބީތަކުން މިނެ ކިރާލެވޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ކުޅިވަރާއި، ޒުވާނުންނަށް ބޭނުންވާ އެކި ހަރަކާތްތައް އެއީ މިއުޒިކްގެ ދާއިރާއިން ބެލިކަމުގައިވިޔަސް އަދި ތަފާތު ލައިފް ސިކްލްސް ޕްރޮގްރާމްތައް ހިންގައި ދިނުމުގައިވެސް އަދި ޒުވާނުންގެ ލީޑަރޝިޕް ޕްރޮގްރާމްތަކުގައިވިޔަސް، މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ވަރަށް ގިނަ ޒުވާނުން އެކަންތައްތަކުގައި ބައިވެރިވެ، ވަޒީފާގެ މައިދާނުގައިވެސް ކުރިއަށްގޮސްފައިވާކަން. އަދި ޒުވާނުން އަމިއްލައަށް އިސްނަގައިގެން ވިޔަފާރީގެ ދާއިރާއަށް ވަދެ، އަމިއްލަ ކުންފުނިތައްވެސް ހިންގަމުންދާކަން. ސަރުކާރުން ހުޅުވާލީ އެސް.އެމް.އީ ލޯން ސްކީމްގެ ތެރެއިންވެސް ވަރަށް ގިނަ އައު ޕްރޮޑަކްޝަނެއް ޒުވާނުން ނެރުއްވާފައިވޭ. ތަޢުލީމީ ދާއިރާއިން ބަލާލިކަމުގައިވިޔަސް ކުޅިވަރުގެ ދާއިރާއިންވެސް ގިނަ ޒުވާނުންތަކެއް މިވަނީ ރާއްޖެއަށް ރީތި ނަންތަކެއް، ރީތި ވަނަތަކެއް ހޯދައިދެއްވާފައި" އިރުތިޝާމް ވިދާޅުވިއެވެ.ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގެ އެންމެ ފަހު އަހަރާއި ކުރިމަތިލާއިރު، 2018 ވަނަ އަހަރުވެސް ވެގެންދާނީ ޒުވާނުންނަށް އުއްމީދީ އަހަރަކަށްކަމަށެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް 2018 ވަނަ އަހަރުގައިވެސް ގިނަ ކަންތައްތަކެއް ބަޖެޓްގެ ތެރެއިންނާއި، ސަރުކާރުން ހިންގާ އެކިކަހަލަ މަޝްރޫޢުތަކުގެ ތެރެއިން ހަމަޖެހިފައިވާއިރު، އެކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.