ވިޔަފާރި

ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވެއްޖެ


އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭ އަންނަ ޕްރައިވެޓް ޖެޓްތައް މިއަހަރުވެސް އިތުރުވެފައިމިވަނީ އާ އަހަރުގެ ޗުއްޓީއާއި ޓޫރިޒަމް ސީޒަނާއި ދިމާކޮށްކަމަށެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިދުވަސްވަރު މަދުވެގެން ދުވާލަކު 12 ޖެޓް ޖައްސަމުން އަންނަކަމަށެވެ. އަދި އާ އަހަރު ފެށުމާއި ދިމާކޮށް އަންނަ ޖެޓްތަކުގެ އަދަދު މިއަށްވުރެވެސް އިތުރުވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ނޯތު އޭޕްރަންގެ މަސައްކަތް ނިމި، އެތަން ބޭނުންކުރަން ފެށުމުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

އެއަރޕޯޓްގައި ގިނަ ޢަދަދެއްގެ ޖެޓްތައް ޕާކްކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު މިދިޔަ އަހަރުގެ އާ އަހަރާ ދިމާކޮށް އެމްއޭސީއެލްއަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

ނޯތް އޭޕްރަން ހެދުމުގެ ކުރިން ޕްރައިވެޓް ޖެޓްތައް ރާއްޖެ އައިނަމަވެސް ޖެޓް ބޭއްވޭނޭ ގޮތެއް ނެތުމުގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށްދާކަމަށް އެމްއޭސީއެލުން ބުނެއެވެ.