ވިޔަފާރި

މާރުކޭޓް ގޮޅިތައް ހުސްކުރަން ދިން މުއްދަތު އިތުރުކޮށްފި


ވަޅޯ މާރުކޭޓް ގޮޅިތައް ހުސްކުރަން ހައުސިން މިނިސްޓްރީން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. މީގެކުރިން  ގޮޅިތައް ހުސްކުރަން އަންގާފައިވަނީ މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ. 

ހައުސިން މިނިސްޓްރީން ބުނީ ގޮޅިތައް  ހުސްކުރުމަށް ދިން މުއްދަތު އަންނަ މަހުގެ 28ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދިނީ ގޮޅިތައް ހުސްކުރުމަށް އެތަންތަނުގެ ވެރިންނަށް އިތުރު ވަގުތު ބޭނުންވާތީކަމަށެވެ. 

ހައުސިން މިނިސްޓްރީން ބުނީ މާރުކޭޓް ހުސްކުރުމަށް އަންގާފައިވަނީ އެތަން ތަން ހިންގުމަށް އަލަށް އެކުލަވާލި އެއްބަސްވުމުގެ ދަށުންކަމަށެވެ. އާ އުސޫލްގެ ދަށުން ގޮޅިތައް ދޫކުރަނީ އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށްކަމަށާއި ގޮޅިތައް ދޫކުރުމުގައި މިހާރު ތިބި މީހުނަށް އިސްކަންދޭނެކަމަށްވެސް ހައުސިން އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭ ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް އަދި ވަޅޯމަސް މާރުކޭޓްގެ ހުސްކުރަން އެންގޮ ގޮޅިތަކަކީ އަލަށް އެކުލަވާލި އުސޫލާއި ހިލާފުވެފައިވާ ބައެއް ފަރާތްތައްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ފއިސާ ނުދައްކާ ތިބި ފަރާތްތައް ހިމެނޭކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.  

މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސް އެތަން ތަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ހާހަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.