ކުޅިވަރު

މޯހަން އީގަލްސްއަށް!


މުޙައްމަދު ޝިޔާޒު، މޯހަން ކްލަބް އީގަލްސްއާ ހަވާލުވާކަމުގެ ވާހަކަތައް ފެންމަތިވެފައި ވަނިކޮށް، އެކްލަބްގެ އެސިސްޓްނެޓް ކޯޗު އަހުމަދު ޝާކިރު، މޯހަންއަށް ވަރަށްބޮޑަށް ތައުރީފްކޮށްފިއެވެ. 

ވިދިވިދިގެން ތިންވަނަ ފަހަރަށް އީގަލްސްއަށް ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން މެޗަށްފަހު ޝާކިރު ވަނީ އެކަމުގައި މޯހަންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަން ލިބުނުކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މިދިޔަ ހަތަރު އަހަރު އީގަލްސްއަށް އިރުޝާދުދިން ކޯޗު އިހުސާން އަބުދުލްޣަނީއަށްފަހު ޝާކިރުގެ އެންމެ ބޮޑު ޝުކުރެއް އަދާކުރި އެއްފަރާތަކީވެސް މޯހަންއެވެ. ޝާކިރު ބުނީ ޔޫތް މުބާރާތް ކާމިޔާބުކުރުމުގައި މޯހަންގެ ފަރާތުން ޓެކްނިކަލް އެހީ ވަރަށް ބޮޑަށް ލިބުނުކަމަށެވެ. އަދި ޔޫތް މުބާރާތުގެ ސަބަބުން އީގަލްސްއާ ދެން ހަވާލުވާ ކޯޗަކަށް ވަރަށް ބޮޑަށް ފަސޭހަވާނެކަމަށާއި، ރަނގަޅު ކުޅުންތެރިންތަކެއްވެސް ލިބޭނެކަމަށެވެ.

" އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުން މޯހަންއަށްވެސް. އެއީ މޯހަންގެ ފަރާތުން ޓެކްނިކަލް އެހީލިބި މަޝްވަރާކުރެވުނު. ދެން މީގަ އެންމެ ބޮޑު ޝުކުރެއް އަދާކުރަންޖެހެނީ ސާންތިއަށް. އެއީ ސާންތި މިދިޔަ ހަތަރު އަހަރު ގެންގުޅެފަ އޮތް ޓީމެއް މިއީ. އޭނާއަށް މީގެ ކްރެޑިޓް ނުދީފިއްޔާ އެއީ ވަރަށްބޮޑު ބޭއިންސާފަކަށްވާނީ " ފައިނަލް މެޗަށްފަހު ޝާކިރު ބުންޏެވެ.

މޯހަން އީގަލްސްއާ ހަވާލުވުމުގެ ވާހަކަތައް ފެންމަތިވެފައިވާއިރު ދިވެހި ލީގަށްފަހު މޯހަންވެސް ބުނެފައިވަނީ މިއަހަރު އަތޮޅު ތެރެއަށް ދެވެން ނެތްކަމަށާއި، މާލޭން ޓީމަކުން ފެނުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.