މުނިފޫހިފިލުވުން

މިރޭގެ ޝޯވގައި ބިޕާޝާއާއި ފިރިމީހާ ކަރަން ނުފެންނާނެ


އާ އަހަރަށް މަރުޙަބާ ކިޔުމަށްޓަކާ ބާއްވާ "ވެލްކަމް 2018" ޝޯވއަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ ކަރަން ސިންގ ގްރޯވަރު ރާއްޖެ ނާންނަގޮތަށް ހަމަޖެހިއްޖެއެވެ.

އާ އަހަރާއި ދިމާކޮށް ޓޫރިސްޓް އެރައިވަލް ފާހަގަކުރުމަށް އެމް.އައި.ޓީ.ޑީ.ސީން މިރޭ އަލިމަސް ކާނިވާ ސަރަޙައްދުގައި ބާއްވާ "ވެލްކަމް 2018"ގެ ޝޯވގައި ބިޕާޝާއާއި އޭނާގެ ފިރިމީހާ ބައިވެރިނުވާގޮތަށް ހަމަޖެހުނީ އެމީހުންގެ ވޯކިންގ ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެންކަމަށް އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

މޮޑެލްކުރުމުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާއާއި އޭނާގެ ފިރިމީހާ މީގެ ކުރިން 2 ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެއެވެ. އެއީ މިނިވަން 50 ފާހަގަކުރުމަށް 2015 ވަނަ ބޭއްވި ޝޯވގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށާއި، އެދެމަފިރިންގެ ހަނީމޫން ފާހަގަކުރުމަށް 2016 ވަނަ އަހަރުއެވެ.

"ވެލްކަމް 2018" ގެ އެންމެފަހުގެ ތައްޔާރީތައް މިހާރު އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށްދާއިރު، މި ޝޯވގައި ޕަރފޯމްކުރުމަށްޓަކާ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގ ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖެއައިސްފައެވެ. ހަމައެހެންމެ ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަތަޙް އަލީ ޙާންވެސް މިޝޯވގައި ޕަރފޯމް ކުރާނެއެވެ.

ރާއްޖޭ މަޝްހޫރު ލަވަކިޔުންތެރިންނާއެކު ބާއްވާ މި ޝޯވ އޮންނާނީ މިރޭ އަށްގަޑި ތިރީހުގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ. މިރޭގެ ޝޯވގައި ބެލުންތެރިންނަށް ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް މިޝޯވ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.