ޚަބަރު

އާއަހަރުގެ ޝޯވއަށް, ރާހަތް ފަތަހް އަލީ ހާން ރާއްޖެ އަތުވެއްޖެ


އާއަހަރުގެ ޝޯވގައި ބައިވެރިވުމަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ ރާހަތް ފަތަހް ޢަލީ ހާން ރާއްޖެ އަތުވެއްޖެއެވެ. މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ މި ޝޯވއަކީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާހަގަކޮށް، އައު އަހަރަށް މަރުޚަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބާއްވާ ޝޯވއެކެވެ.

1974 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު ޕާކިސްތާނުގެ ޕަންޖާބަށް އުފަން އުސްތާޒް ރާހަތް ފަތަހް އަލީ ހާން އުފެންވެފައިވަނީ އެ ދުވަސްވަރު ޕާކިސްތާނުގައި ޣައްވާލީ އަދި ގަޒަލް ލަވަތަކަށް މަޝްހޫރު އާއިލާއަކަށެވެ. ކުޑައިރުންސުރެ ލަވަކިޔުމަށް ޝައުޤުވެރިކަން ހުރި ރާހަތު އެނާގެ އުމުރުން އެންމެ ފަސްއަހަރުން ފެށިގެން ލަވަލިޔުމުގެ ހުނަރުތައް ދަސްކުރަން ފެށިއެވެ.

ޣައްވާލީ ލަވަތަކުގެ ރަސްގެފާނު ނުސްރަތް ފަތަހް އަލީ ހާނަށް ބޮޑުބޭބެ ކިޔާ ރާހަތު ފާތިހް އަލީ އަކީ ހިތްގައިމު އަޑެއްގެ ވެރިއެކެވެ. ގިނަ ބައެއްގެ ހިތުން ޖާގަހޯދާފައިވާ ރާހަތު ފާތިހް އަލީ އާއްމުންނަށް ފެނިގެން ދިޔައީ އޭނާގެ އުމުރުން އެންމެ 9 އަހަރުގައި ދައްކާލީ މޮޅު ހުށައެޅުމާއެކުގައެވެ. އެއާއެކު އެނާގެ ނަަން މިއުޒީކީ ދުނިޔޭގައި މަޑުމަޑުން ފެވެން ފެށިއެވެ. އަދި އުމުރުން 15 އަހަރުގައި ބޮޑުބޭޭބޭ ނުސްރަތާއެކު ޔޫކޭގައި ޝޯވތަކެއްވެސް ދީފައިވެއެވެ. އަދި 2012ވަނަ އަހަރު އިނގިރޭސިވިލާތުގެ ވެންބްލީ އެރީނާ އާއި މެންޗެސްޓަރ އެރީނާގައި ރާހަތު ޝޯވތަކެއް ދީފައިވާއިރު މި ޝޯވތައް ބެލި މީހުންގެ އަދަދު ވިހިހާހަށްވުރެ މައްޗަށް އަރާފައިވެއެވެ.

އެތައް ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ރާހަތުގެ ތަރި ބޮލީވުޑުގައި ވިދަން ފަށާފައިވަނީ 2003 ވަނަ އަހަރު ފިލްމް ޕާޕްއަށް އޭނާ ކިޔައިދިން "މަން ކީ ލަގަން" މި ލަވައިއިންނެވެ. މި ލަވަޔާއި އެކު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމަތަކުން ރާހަތަށް ޖާގަ ލިބެންފެށިއެވެ. ރާހަތު ފާތަހް ޢަލީގެ ލަވަތަކުގެ ތެރެއިން އަޖާ ނަޗެލޭ އަށް ކިޔާދީފައިވޭ އޯރޭ ޕްރިޔާ، ދިއްލަޤީ، ބޮޑީގާޑްގެ "ތޭރީ މޭރީ" އޯމް ޝާންތީ އޯމްގެ "ޖަގް ސޫނާ ސޫނާ ލަގޭ"، ޖޫމް ބަރާބަރް ޖޫމްގެ "ބޮލްނަ ހަލްކޭ ހަލްކޭ" ފަދަ ލަވަތަކަކީ އެތައް ބައެއްގެ ހިތުން ޖާގަ ހޯދާގައިވާ ލަވަތަކެވެ.

ރަހަތްއަކީ ޕާކިސްތާނުގެ ފަންނާނުން ތެރެއިން ނޯބަލް ޕްރައިޒް ކޮންސެޓެއްގައި އެންމެ ފުރަތަމަ ޕާރފޯމްކޮރި ފަންނާނުވެސްމެއެވެ. މި ޝޯވްގައި އޭނާ ހުށައަޅާދިން ލަވަތަކުގެ ތެރޭގައި އޭނާގެ ބޮޑުބޭބެގެ މަޝްހޫރު ލަވަތައް ހިމެނެއެވެ.

ޜަހަތް ފަތަހް ޢަލީ ހާނު ވަނީ ބައިނަލްއަޤްވާމީ ބައެއް އެވޯޑްތަކާ، ބޮލީވުޑާއި ޕާކިސްތާނުގެ ގިނަ އެވޯޑްތަކެއް އުފުލާލާފައެވެ. ރާހަތަށް ލިބުނު އެވޯޑްތަކަށް ބަލާލާއިރު 2016ވަނަ އަހަރުގެ ލަކްސް ސްޓައިލް ބެސްޓް މޭލް ޕްލޭބެކް އެވޯޑާއި 2011 އަދި 2013ވަނަ އަހަރުގެ ޕާކިސްތާން މީޑިއާ އެވޯޑްސްގެ ބެސްޓް މޭލް ސިންގަރ އެވޯޑް ހިމެނެއެވެ. މީގެ އިތުރުން 2012ވަނަ އަހަރު އޭނާއަށް ވަނީ ޔޫކޭ މިއުޒިކް އެވޯޑްސްގެ އިންޓަރނޭޝަނަލް އާރޓިސްޓް އޮފް ދި ޑިކޭޑް، ބެސްޓް އިންޓަރނޭޝަނަލް އެކްޓްވެސް ލިބިފައިވެއެވެ. އަދި އޭނާގެ ލަވަ "ތޭރީ މޭރީ"އަށް ބެސްޓް ސެލިންގ ޑައުންލޯޑްގެ ކެޓަގަރީވެސް ލިބިފައިވެއެވެ.