ޚަބަރު

2017- ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް!


މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއްް އައި އަހަރެކެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިއަހަރު އަލަށް 13 ރިސޯޓް ހުޅުވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ މިދައުރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް 50 ރިސޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ ރަށްތަކެއް އެކި ކުންފުނިތަކަށް ދޫކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް އަލަށް 11 ރިސޯޓް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތަޢާރަފްކޮށްފައިވެއެވެ. އަދި މި އަހަރު ނިމުނުއިރު 13 ރިސޯޓެއް އަލަށް ހުޅުވާފައިވާކަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ނެރެފައިވާ ރާއްޖޭގެ އިޤްތިޞާދީ ރިވިއުގައިވެެއެވެ.

ރާއްޖެގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު ފަތުރުވެރިކަމުގެ މަޝްރޫޢު، އެނބޫދޫ އިންޓަރގްރޭޑަޓް ރިސޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްވެސް ފަށާފައިވަނީ މި އަހަރު ތެރޭގައެވެ. މީގެއިތުރުން މިދިޔަ އަހަރު، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރެވުނު މަސައްކަތުން ގިނައަދަދެއްގެ ގެސްޓް ހައުސްވެސް ހުޅުވާފައިވެއެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ މަޝްހޫރު ކުންފުނިތަކާއި ބްރޭންޑްތައް އިންވެސްޓްކުރާވަރު އިތުރުވަމުންދާއިރު، މަޝްހޫރު ބްރޭންޑެއްކަމަށްވާ އެކޯހޮޓެލްސްގެއިތުރު 2 ރިސޯޓެއް 2018 ވަނަ އަހަރު ރާއްޖޭގައި ތަރައްޤީކުރުމަށް އެކުންފުނިންދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ބްރޭންޑްތައްކަމަށްވާ ހާޑް ރޮކް އިންޓަރނޭޝަނަލް، ކަޕެއްލާ ހޮޓެލް ގްރޫޕް، ކާލްސަން ރެޒީޑޯ ހޮޓެލް ގްރޫޕް، އެމާރް ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕް، މޫވް އެންޑް ޕިކް ހޮޓެލްސް އެންޑް ރިޒޯޓްސް، ބެލިއޯނީހޮޓެލްސް އަދި އެމެރަލްޑް ކަލެކްޝަނާ، މެލިއާ ހޮޓެލްސް އިންޓަރނޭޝަނަލްއިންވެސް ރާއްޖޭގައި އިންވެސްޓް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. 

މީގެ އިތުރުން ރާއްޖޭގައި މިހާރުވެސް ރިސޯޓްތައް ހިންގަމުންދާ ބޭރުގެ މަޝްހޫރު ބްރޭންޑްތަކުންވެސް ދަނީ އިތުރު ރިސޯޓްތައް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގައި ރިސޯޓްތައް ހިންގާ ބައެއް ދިވެހި ކުންފުނިތަކުންވެސް ދަނީ އިތުރު ރިސޯޓް ހުޅުވުމަށް ތައްޔާރުވަމުންނެވެ.