ކުޅިވަރު

ޑިފެންޑަރ ސަމޫހު މާޒިޔާގައި މަޑުކުރަން ނިންމައިފި


އަންނަ ސީޒަންގައިވެސް މާޒިޔާގައި މަޑުކުރަން ޒުވާން ޑިފެންޑަރ ސަމޫހު އަލީ ނިންމައިފިއެވެ. 

ސަމޫހު މާޒިޔާއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރިއިރު އޭނާއަކީ މިދިޔަ ދެ ސީޒަންގައިވެސް މާޒިޔާގެ ޑިފެންސްލައިނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މަހިބަދޫ ޓީމުން ވިދާލި ސަމޫހަކީ ޑިފެންސް ލައިނުގެ ކޮންމެ މަގާމަކަށްވެސް ކޯޗުން ބޭނުންކުރަމުން އަންނަ ކުޅުންތެރިއެކެވެ. 

އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރަން މާޒިޔާއިން ފަށާފައިވާއިރު، އެކުލަބުން އަންނަނީ މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓްތައް އައުކުރަމުންނެވެ. މިގޮތުން މުޙައްމަދު އިރުފާން އަދި މޫސާ ޔާމީންވެސްވަނީ އެ ކުލަބުގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އެހެންނަމަވެސް މިދިޔަ 3 ސީޒަންގައި ކުލަބުގައި މޮޅު ކުޅުމެއް ދެއްކި މުޙައްމަދު އުމެއިރުވަނީ މާޒިޔާ ދޫކޮށް ނިއުރޭޑިއަންޓަށް ސޮއިކޮށްފައެވެ. 

އައު ސީޒަނަށް މާޒިޔާއާއި ގުޅޭނެކަމަށް ބެލެވޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މިދިޔަ ތިން ސީޒަންގައި ޓީސީގެ ފޯވާޑް ލައިނުން ފެނުނު ނާއިޒް ހަސަންއެވެ.