ޚަބަރު

މާދަމާރޭ ޝޯވއަށް މިކާ ސިންގ ރާއްޖެ އަތުވެއްޖެ


މާދަމާރޭ ބާއްވާ ވެލްކަމް 2018ގެ ޝޯވްގައި ޕަރފޯމްކުރުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގ ރާއްޖެ އަތުވެއްޖެއެވެ. ދިވެހިންގެ މެދުގައިވެސް މަޤްބޫލް ހިންދީ ލަވަތަކެއް ހުށައަޅާފައިވާ މީކާ ސިންގް ރާއްޖެއައީ މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ.

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތރިޔާ މީކާ ސިންގެ ގެ އަޑު އާއްމުންނަށް އެންމެ ފުރަތަމަ އިވިގެންދިޔައީ 1998 ވަނަ އަހަރުގެ ތެރޭގައެވެ. ގިނަ ބަޔަކަށް މކާ ސިންގް އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ އެނާގެ އަޑުން ނުކުތް އަލްބަމްތަކަކުންނެވެ. ހިންދީ ފިލްމްތަކުގައި ޕްލޭބެކް ލަވަކިޔުންތރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން މީކާ ސިންގް ވަނީ ފަސް އަލްބަމެއް ރިލީސްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައެވެ.

ލަވައިގެ ދުނިޔޭގައި "ކިންގ އޮފް ބޮލީވުޑް"ގެ ނަމުގައި ފާހަގަވެގެންދިޔަ މީކާ ސިންގް ހިންދީ ފިލްމަކަށް ފުރަތަމަ ފަހަރަށް ލަވައެއް ކިިޔާދީނީ 2006 އަހަރުއެވެ. އެނާގެ ފުރަތަމަ ލަވަކިޔާދީފައިވަނީ އެ އަހަރު ނުކުތް ފިލްމް "ޕިޔާރްކީ ސައިޑް އިފެކްޓްސް"އަށެވެ. މި ފިލްމަށްފަހު މީކާއަށް ބޮލީވުޑްގެ ގިނަ ޑައިރެކްޓަރުންގެ ފަރާތުން ހުށައެޅުންތައް އައިސް ގިނަ ފިލްމަތަކަށް އޭނާ ވަނީ ލަވަކިޔާދީފައެވެ. މިހާތަނަށް ސަތޭކައަށް ވުރެ ގިނަ ލަވަ ހުށައަޅާދީފައިވާ މީކާ ލަވަކިޔާދީފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް"، ޖަބް ވީ މެޓް"، "ސިންގ އިސް ކިންގް"ފަދަ ފިލްމްތައް ހިމެނެއެވެ.  

ޕަންޖާބީ ސްޓައިލް ލަވަ ހުށައަޅާދޭ ފަންނާނެއްގެ ގޮތުގައި ގިނަ ބަޔެއްގެ މެދުގައި މަގްބޫލް މީކާއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ކޮމްޕޯސަރެއް އަދި މިއުޒިކް ޑައިރެކްޓަރެއްވެސްމެ އެވެ.

"ވެލްކަމް 2018"ޝޯގައި ބައިވެރިވުމަށް ރާއްޖެ އައުމަށްފަހު ފީއެސްއެމް ނިއުސް އަށް ދިން ހާއްސަ އިންޓަރވިއެއްގައި މީކާ ސިންގް ބުނީ މަދަމާރޭ ހިތްގައިމު ސަޅި ހުށައެޅުންތަކެއް ފެނިގެންދާނެކަމަށެވެ. އަދި ޝޯވ ބަލާލުމަށް ދިނަ ބަޔަކު ދިޔުމަށް އެނާ ދައުވަތުދިނެވެ.

މީކާ ސިންގެ އިތުރުން ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަހަތް ފަތްހް އަލީ ޚާންވެސް "ވެލްކަމް 2018"ޝޯވްގައި ލަވަ ހުށައަޅާދޭނެއެވެ. މި ޝޯވގައި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫއާއި، އޭނާގެ ފިރިމީހާ ކަރަން ސިންގ ގްރޯވަރގެ ހުށައެޅުންތައް ފެނިގެންދާނެއެވެ. މި ޝޯގައި ދިވެހި ގިނަ ލަވަކިޔުންތެރިންގެ ހުށައެޅުންތައްވެސް ފެންނާނެކަމަށް މި ޝޯވ އިންތިޒާމުކުރާ އެމްއައިޓީޑީސީން ބުނެއެވެ.

މާދަމާރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯވްގައި ބަޑިބޭހުގެ ކުޅިވަރތައްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.