ޚަބަރު

'ސާސްކަފުގެ 17' ފޮތް މިރޭ ނެރެދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 'ސާސްކަފުގެ 17' ފޮތް މިރޭ ނެރެދެއްވައިފިއެވެ. ރައީސުޖްލުމްހޫރިއްޔާ މިފޮތް ނެރެދެއްވީ އާ އަހަރުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރެއްވުމަށް އަލިމަސް ކާނިވާ ސަރަޙައްދުގައި ބާއްވަވާ 'ވެލްކަމް 2018' މިއުޒިކް ޝޯގެ ތެރެއިންނެވެ.

'ސާސްކަފު 17' ފޮތަކީ ވަކި ހަބަޔަކަށް ބަހާލައިގެން ވޭތުވެދިޔަ 17 އަހަރު ތެރޭ ރާއްޖޭގެ ތާރީޚްގައި ހިނގާފައިވާ މުހިންމު އެކިއެކި ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މިގޮތުން މިފޮތް ބަހާލެވިފައިވާ ހަބައިގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ވެރިކަމާއި އިދާރީ ހިންގުން، މާލިއްޔަތާއި އިޤުތިޞާދު އަދި ރަށްވެހިކަމާއި އުމުރާނީ ތަރައްޤީ، ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާޚިލީ ޙަރަކާތްތަކާއި އަމަންއަމާންކަން، ތަޢުލީމާއި ޞިއްޙަތު އަދި ޒުވާނުންނާއި ކުޅިވަރުގެ އިތުރުން ޤައުމިއްޔަތާއި އިޖުތިމާއިއްޔަތު އަދި މީޑިއާ އާއި ޓެކްނޮލޮޖީއެވެ.

މިރޭގެ ޝޯ ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ.