ޚަބަރު

އިންޑިޔާ-ރާއްޖޭގެ އަސްކަރީ ތަމްރީން ޕްރޮގްރާމް ނިމިއްޖެ


އިންޑިޔާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށް ގެންދިޔަ އަސްކަރީ ތަމްރީން ނިމިއްޖެއެވެ. އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގެ ބެލަގާވީގައި ކުރިޔަށްގެންދިޔަ މިތަމްރީނަކީ ކޮންމެ އަހަރަކުވެސް ދެޤައުމުގެ އަސްކަރިއްޔާގެ މެދުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ މިތަމްރީން ކުރިޔަށް ގެންދިޔަ 8ވަނަ ފަހަރުއެވެ. މިފަހަރުގެ އަސްކަރީ ތަމްރީން 2 ހަފްތާއަށް ކުރިއަށް ގެންދިޔައިރު އިންޑިއާގެ އަސްކަރިއްޔާގެ 39 ބޭފުޅުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 43 ސިފައިންގެ ބޭފުޅުން ބައިވެރިވިއެވެ. މިހަރަކާތުގެ ތެރެއިން ދެޤައުމުގެ އަސްކަރިއްޔާއިން ގުޅިގެން އެކި ހާލަތްތަކުގައި މަސައްކަތްކުރާނެ ގޮތްތަކުގެ އަމަލީ ތަމްރީންތައް ކުރިޔަށް ގެންދިޔައެވެ.

img:http://s1.psmnews.mv/images/660x400/15145324348355.jpg|އެކުވެރިން 2017 އަސްކަރީ ތަމްރީން ޕްރޮގްރާމްގައި ބައިވިެރިވި އިންޑިޔާ އާއި ރާއްޖޭގެ އަސްކަރީ އިސް އޮފިސަރުންތަކެއް

އެކުވެރިން 2017 ގެ ނަމުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީން ނިންމާލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަލަގާވީގެ މަރާތަ ލައިޓް އިންފެންޓްރީ ރެޖިމެންޓަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަސްކަރިއްޔާގެ ބްރިގޭޑިއަރ އަލޮކް ކުރާނާ ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ދެޤައުމުގެ އެކުވެރިކަން ބަދަހިވެ، އެކި ހާލާތްތަކުގައި ދެޤައުމުގެ އަސްކަރިއްޔާ އެކުގައި މަސައްކަތްކުރެވޭނެ ގޮތްތައް ހޯދިފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހެއިރު ވަނީ މިހަރަކާތުގެ ތެރެއިން ދެޤައުމުގެ އަސްކަރިއްޔާގެ އޮފިޝަލުން ދައްކާފައިވާ ލާމަސީލު ނަމޫނާއަށް ތަޢުރީފްކުރައްވާފައެވެ. 

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިތަމްރީން މިދިޔަ އަހަރު ބޭއްވީ ރާއްޖޭގައެވެ.