މުނިފޫހިފިލުވުން

އަހަރުތަކަކަށްފަހު މޭނާ ޙައްސާންގެ ޝޯ އެއް ބާއްވަނީ


ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޙަސަން މުހައްމަދު، (މޭނާ ހައްސާނު)ގެ މިއުޒިކު ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ. މޭނާ ޙައްސާންގެ ހުށެހެޅުންތައް ފެށިގެންދާނީ އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ބާއްވާ ޚާއްސަ މިއުޒިކް ޝޯވ ގައެވެ.

މި ޝޯވ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 31 ވާ އާދިއްތަ ދުވަހުގެ ރޭ 22:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މި ޝޯވ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަސަން ޣައްސާން ވިދާޅުވީ، އައު އަހަރު ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި ޝޯވއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެހީތެރިކަމާއެކު ވަރަށްވެސް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިއުޒިކް ޝޯވއެއްކަމަށެވެ. މި ޝޯވގައި މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ޙައްސާންގެ އިތުރުން ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޭންޑުތަކާއި މަޝްހޫރު އާޓިސްޓުންގެ ހުށައެޅުންތައް ފެނިގެންދާނެކަމަށް ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ވަރުގަދަ މިއުޒިކް އެއް ލެޖެންޑް މޭނާ ހައްސާނަކީ. މޭނާ ހައްސާންގެ ކަމްބެކް ޝޯވއެއްވީމަ ވަރަށް ތަފާތުގޮތަކަށް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ހަމައެހެންމެ މިހާރަށް މިލިބޭ ތަރުހީބަށް ބަލާނަމަވެސް، ވަރަށް ގްރޭންޑް ފެސްޓިވަލްއަކަށް ވެގެންދާނެ. މޭނާ ހައްސާންގެ އިތުރުންވެސް ރާއްޖޭގެ ނަން މަޝްހޫރު އާޓިސްޓުންނާއި މިއުޒިކް ބޭންޑްތައް މި ޝޯވގައި ޕަރފޯމްކުރާނެ. ހަބޭސް ބޮޑު ބެރުގްރޫޕް ފަދަ ބޮޑުބެރު ގްރޫޕްތަކުންވެސް މި ޝޯވގައި ބައިވެރިވާނެ" ޣައްސާން ވިދާޅުވިއެވެ.އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މިއުޒިކް ޝޯވ ބަލާލުމަށް ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެރީ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޝޯވ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ހަމައެހެންމެ ލައިވް ބާބަކިއުއާއި ހަވާއެރުވުމުގެ ޚާއްޞަ ހަރަކާތްތަކެއްވެސް މި ޝޯވ އާއެކު ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ.



"ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި މާލެއިން މި ޝޯވ ބަލާލުމަށް ބޭނުންވާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ހަމަ މަރުހަބާކިޔާނަން. އެރެޔަށް މާލެއިން މި ޝޯވ ބަލާލުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެން ޙާއްސަ ފެރީގެ ނިޒާމެއްވެސް އިންތިޒާމްކުރާނަން. ހަމައެހެންމެ ޝޯވކުރިއަށްދާއިރުގައި ލައިވް ބާބެކިއު އަޅުގަނޑުމެން އެ ހިސާބުގަނޑުގައި ކުރިއަށްގެންދާނަން. ޖުމްލަކޮށް ބަލައިފިއްޔާމުން އޯޕަން ފެސްޓިވަލްއެއް މި ފެސްޓިވަލްއަކީ. ފަޔަރ ވޯކްސްއާއި އެންޓެޓެއިންމަންޓްގެ އެކިކަލަހަ ކޮމްޕޯނެންޓްތައް ހިމަނައިގެން ކުރިއަށްގެންދާނެ ޝޯވއެއް މިއީ" ޣައްސާން ވިދާޅުވިއެވެ.

ގާތްގަނޑަކަށް މީގެ 28 އަހަރު ކުރިން މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަންފެށި މޭނާ ޙައްސާން ވަނީ އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެއް އާއްމުންނާއި ހަމައަށް ގެނެސްދީފާ ފަންނާނެކެވެ. އޭނާ ކިޔާފައިވާ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި، "ކެޔޮޅު ކިތަންމެ މޮޅަސް" ލަވަޔާއި "ކުއްޅަވަފަލު ރަނިކަމަނާ" އަދި "ރައިވަރެއް ހެދީމާ" ފަދަ ލަވަތައް ފަހަގަ ކޮށްލެވެއެވެ.