ޚަބަރު

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް މި މަހު ފަށަނީ


އާ ސީޕްލޭން ޓަރމިނަލްގެ މަސައްކަތް މި މަހު ފަށާނެކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ. އެމްއޭސީއެލުން ބުނީ އާ ޓަރމިނަލްގެ ޑިޒައިން މަސައްކަތްތައް ނިންމައި މިހާރު ފައިނަލްކޮށްފައިވާކަމަށެވެ. އަލަށް ތަރައްޤީކުރާ ސީޕްލޭން ޓަރމިންނަލްއާއިއެކު، ސީ ޕްލޭން ޚިދުމަތް ތިންގުނައަށް ފުޅާވެގެންދާނެއެވެ.

ދުނިޔޭގެ އެންމެބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގަމުންދާ ޤައުމަކީ ދިވެހިރާއްޖެއެވެ. ސީ ޕްލޭން އޮޕަރޭޝަންގައި މިހާރުވެސް 50 ވުރެ ގިނަ ސީޕަލޭން ބޭނުންކުރަމުން އަންނައިރު މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ވެލާނާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގައި އެއް ބިލިއަން ރުފިޔާ ވަނީ  ހިމަނާފައެވެ. މި މަޝްރޫޢު ގެދަށުން ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރުމަށް އާ ޓަރމިނަލްއެއް އެޅުމަށް 1.83 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މި މަޝްރޫޢު ގެދަށުން އާ ޓަރނިމަނަލްގެ އިތުރުން މެއިންޓަނަންސާއި ރިޕެއަރ އަދި އޯވަހޯލް ފެސިލިޓީ ޤާއިމުކުރުމަށްވެސް ސަރަހައްދެއް ގެންދަނީ ތަރައްޤީކުރަމުންނެވެ. މި މަސައްކަތްތައް ކުރުމަށް ހިއްކާފައިވާ ބިން ޙަމާޔަތްކުރާ ޝީޓް ޕައިލްޖެހުމުގެ މަސަައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އެގޮތުން ޓަރމިނަލް ސަރަޙައްދާއި، މެއިންޓަނަންސް މަސައްކަތްކުރުމަށް ހަދާ ސަރަހައްދާއިއެކު ޖުމްލަ 490 މީޓަރުގައިވަނީ ޝީޓްޕައިލް ޖެހުމުގެ މަސައްކަތްތައް ނިންމާފައެވެ.

މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އާ ސީޕްލޭން ޓަރމިނަލްއާއިއެކު ޚިދުމަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން ޓަރމިނަލްގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމާއިއެކު މިހާރު ދެމުންދާ ސީޕްލޭންގެ ޚިދުމަތް ތިންގުނައަށް ފުޅާވެގެންދާނެކަމަށެވެ. ޢާދިލް ވިދާޅުވީ ސީޕްލޭން ޓާރމިނަލް ތަރައްޤީކުރުމުގެ މަސައްކަތްކުރަނީ ދެ ފޭސްއަކަށް ބަހާލައިގެންކަމަށެވެ.

"މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މެނޭޖިންގ ޑިރެކްޓަރ، ޢާދިލް މޫސާ " ޓަރމިނަލްއާއި މެއިންޓަނަސްއާއި ސަޕްލައި(އެމްއާރްއޯ) މަސައްކަތައް ތަރައްޤީކުރާ ސަރަޙައްދު ވަކިވަކިން މި ތަރައްޤީކުރަނީ. އެގޮތުން މިހާރު އެމްއާރްއޯ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތްމިވަނީ ފަށާފައި، މި މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމެނޭ. އާޓަރމިނަލްގެ ޑިޒައިން މަސައްކަތްތައް މިހާރުވަނީ ނިމި އެޕްރޫވް ކުރަންޖެހޭ ފަރާތްތަކުން އެޕްރޫވްވެސް ކޮށްފައި. ޓަރމިނަލްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެ" ޢާދިލް މޫސާ ވިދާޅުވިއެވެ.

ޢާދިލް ވިދާޅުވީ ޓާރމިނަލްގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މި އަހަރުގެ ނިޔަލަށްކަމަށެވެ. އަދި ޓަރމިނަލްގެ ޢަމަލީ މަސައްކަތް ނިމި ދެމަހެއްހާ ދުވަހުގެ ތެރޭގައި ޓަރމިނަލްގެ ޚިދުމަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޢާދިލް ވިދާޅުވީ ޓަރމިނަލް ތަރައްޤިކުރުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިިން އިތުރުވަމުންދާ މިންވަރަށް ވަރަށް ބޮޑަށް ޢަމާޒުކޮށްފައިވާކަމަށެވެ. އެގޮތުން ޓާރމިނަލްގެ ޖާގަ އިތުރުކޮށް އިތުރު ލައުންޖްތައް ހިމަނައި އާ ފެސިލިޓީތައް ޤާއިމުކުރާނެކަމަށެވެ. އާ ޓަރމިނަލް ތަރައްޤީކުރަނީ ހަތަރު ފަންގިފިލައަށެވެ.