ވިޔަފާރި

އައިޓީއެފްސީ އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އެހީއެއް


އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން, އައި.ޓީ.އެފް.ސީން އެސްޓީއޯއަށް ސަތޭކަ މިލިއަން ޑޮލަރުގެ ފައިނޭންސް ފެސިލިޓީސް ދިނުމަށް ނިންމައިފިއެވެ. އައިޓީއެފްސީން ވަނީ މި އެހީ ދިނުމާއި ގުޅޭ އެއްބަސްވުމުގައި އެސްޓީއޯއާއެކު ސޮއިކޮށްފައެވެ. އައިޓީއެފްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ބޭންކްގެ ސީއީއޯ އަޒީމް ނޫރުދާލީއެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރެވެ.



އެސްޓީއޯއިން ބުނީ، އައިޓީއެފްސީން ދިނުމަށް ނިންމި 100 މިލިއަން ޑޮލަރުގެ މުރާބަޚާ ފައިނޭންސް ފެސިލިޓީގެ ސަބަބުން ބޭރުން މުދާ ގެނައުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. ޚާއްޞަގޮތެއްގައި މި އެއްބަސްވުމުގެ ދަށުން، އެސްޓީއޯއިން އިމްޕޯރޓް ކުރާ ތެލުގެ ބާވަތްތަކަށް 1 އަހަރު ދުވަހުގެ މުއްދަތައް އައިޓީއެފްސީ އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.



ދިވެހިރާއްޖެއަކީ އޯއައިސީ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން  މެދުނުކެނޑި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ޤައުމެކެވެ. އެގޮތުން އައިޓީއެފްސީން ވަނީ މީގެ ކުރިންވެސް އެސްޓީއޯއަށް މިފަދަ ފެސިލިޓީސް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސާދީފައެވެ. އައިޓީއެފްސީގެ މައިގަނޑު މަޤަސަދަކީ އޯ.އައި.ސީ މެމްބަރ ޤައުމު ތަކުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ރަގަޅުކޮށް އެޤައުމުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ.