ތަޢުލީމު

ހުޅުމާލެ އެންވަން ސްކޫލް އަންނަ އަހަރު ސަރުކާރާ ހަވާލުކުރަނީ


ހުޅުމާލޭ ނެއިބަރހޫޑް އެކެއްގައި އިމާރާތްކުރާ "އެން-ވަން" ސްކޫލްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ސަރުކާރާއި ހަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ. 1680 ކުދިންގެ ޖާގައިގެ މި ސްކޫލަކީ ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު ސްކޫލެވެ.

ހުޅުމާލޭގެ ނެއިބަރހޫޑް އެކެއްގައި އިމާރާތްކުރާ "އެން-ވަން" ސްކޫލްގެ މަސައްކަތް ކުރުމަށް އެޗް.ޑީ.ސީން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 26 ޖެނުއަރީ 2017 ގައެވެ. 

7 ބުރީގެ 3 ބްލޮކާއެކު ތަރައްޤީކުރާ މި ސްކޫލްއަކީ 1680 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ މިސްކޫލުގައި ޕްރައިމެރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްޞަކޮށްގެން 50 ކްލާސްރޫމް ހުންނާނެއެވެ. އެން-ވަން ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ސީ ބްލޮކް ފިޔަވާ، ބާކީ 2 ބްލޮކްގެ ސްޓްރަކްޗަރ އެތުރުމާއި ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށްވަނީ ނިމިފައިއެވެ. އަދި ސީ ބްލޮކްގެ ސްޓްރަކްޗަރ އަދި ކޮންކްރީޓް މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެއެވެ. 

އެން-ވަން ސްކޫލްގެ އޭ ބްލޮކް އަދި ސީ ބްލޮކް ޚާއްޞަކޮށްފައިވަނީ ކްލާސްރޫމްތަކަށެވެ. އަދި ބީ ބްލޮކް ޚާއްޞަކޮށްފައިވަނީ ލެބޯޓްރީ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށެވެ. މި ސްކޫލުގައި މުވައްޒަފުންނަށާއި ދަރިވަރުންނަށް ޚާއްޞަ ކެންޓީނަކާއި މަލްޓި ޕަރޕަސް ހޯލެއްގެ އިތުރުން ކުޅިވަރާއި އިތުރު ހަރަކާތްތައް ހިންގުމަށް ޖާގަ ކަނޑައަޅާފައިވެއެވެ. އެން-ވަން ސްކޫލްގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ މެދުތެރޭގައި ސްކޫލް ސަރުކާރާއި ހަވާލުކުރުމަކީ އަމާޒެއްކަމަށް ކޮންޓްރެކްޓަރާއި ހަވާލާދީ އެޗް.ޑީ.ސީން ބުނެއެވެ.

"އެން-ވަން" ސްކޫލްގެ މަސައްކަތް ކުރިއަށްދާއިރު، އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުމާލޭގައި އިމާރާތްކުރި 200 ކުދިންގެ ޖާގައިގެ ސްކޫލްގެ މަސައްކަތް ނިންމާ، އެޗް.ޑީ.ސީން މިހާރު ވަނީ އެ ސްކޫލް ސަރުކާރާއި ހަވާލުކޮށްފައެވެ.