ކުޅިވަރު

ފެޑެރޭޝަން ޓްރޮފީއަށް ރާއްޖޭގެ ޖޫނިއަރ ޓީމް ތައްޔާރުވަނީ


އަންނަ އަހަރުގެ މާރޗް މަހު ޕާކިސްތާންގައި އޮންނަ ހޭންޑްބޯޅަ މުބާރާތަކަށް ރާއްޖޭގެ ޖޫނިއަރ ހޭންޑްބޯޅަ ޓީމް ތައްޔާރުވާން ފަށައިފިއެވެ. ޖޫނިއަރ ޓީމް ތައްޔާރުވަމުން ދަނީ އިންޓަރނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން ޓްރޮފީއަށެވެ. 

ރާއްޖޭގެ ޓީމްގެ އެސިސްޓެންޓް ކޯޗު އަލީ ސޮފީ ސާމިރު ބުނީ މުބާރާތުން ނަތީޖާ ނެރުމަކީ އުނދަގޫކަމެއްކަމަށާއި، ނަމަވެސް ކުޅުން މިދިޔަ އަހަރަށްވުރެ ރަނގަޅުވާނެ ކަމަށެވެ. އޭނާ ބުނީ މުބާރާތުން ކުޅުންތެރިންނަށް ލިބިގެންދާ ތަޖުރިބާގެ އިތުރުން ނަތީޖާވެސް މުހިންމުކަމަށެވެ. އެހެންނަމެވެސް މުބާރާތަކީ އޭޖް ކެޓަގަރީ މުބާރާތަކަށްވުމުން މުބާރާތުގައި ކޮންމެ ފަހަރުކު ވާދަކުރަންޖެހެނީ އާ ކުޅުންތެރިން ގޮވައިގެންކަމަށެވެ. އާކުޅުންތެރިން ވާދަކުރި ނަމަވެސް ކުޅުމަށް ބަލާއިރު ކުޅުންތެރިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއެރުން ފެންނަކަމަށާއި، މިހާލަތުގައި ނަތިޖާ ނެރުމަކީ އުނދަގޫ ކަމެއްކަން ސޮފީ ފާހަގަކުރިއެވެ.

" ނަތީޖާވެސް ބޭނުންވޭ އެއަށްވުރެ ބޮޑަށް ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުން ވަރަށް ބޮޑަށް އިންޕުރޫވް ވެއްޖެ. އޭޖް ކަޓަގަރީ މުބާރާތަކަށް ވީމާ އޭޖް ބަދަލުވާތީ ކޮންމެފަހަރުވެސް އާ ކުޅުންތެރިން ގޮވައިގެން މި ދަނީ."

މުބާރާތަށް ރާއްޖޭގެ ޖޫނިއަރ ހޭންޑްބޯޅަ ޓީމު ފަރިތަކުރަމުން ދަނީ ބަނގްލަދޭޝްގެ ކޯޗު އަމްޖަދް ހުސެއިންގެ އިރުޝާދުގެ ދަށުންނެވެ. އަމްޖަދު ބުނީ ތައްޔާރުވުންތައް ދަނީ ރަނގަޅަށްކަމަށާއި، މިސަރަހައްދުގައި ރައްޖެއަށް ރަނގަޅު ވާދައެއް ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށެވެ.

" އަހަރުމެންގެ ތައްޔާރުވުންތައް ދަނީ ރަނގަޅަށް. ސަރަހައްދުގެ ޓީމުތަކާ ދެކޮޅަށް ރަނގަޅު ވާދައެއްކުރެވޭނެ."

މުބާރާތުގައި ވާދަކުރާ ޖޫނިއަރ ޤައުމީ ހޭންޑްބޯޅަ ޓީމް ފައިނަލް ފައިނަލް ކުރާނީ އަންނަމަހުއެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ އައިއެޗްއެފް މުބާރާތުގައި ރާއްޖެއިން ވާދަކުރާ މީ ތިންވަނަ ފަހަރެވެ.