ވިޔަފާރި

ބޭރުގެ ވިޔަފާރިތައް މީރާގައި ރަޖިސްޓްރީކުރިތޯ ޔަގީންކުރަންޖެހޭ


ބޭރުގެ ބައެއް ފަރާތްތަކުން މިރާގައި ރަޖިސްޓްރީނުކޮށް ރާއްޖޭގައި ވިޔަފާރިކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. 

މީރާއިން ބުނީ ޓެކްސް ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓްރީކުރަން ޖެހޭ ބޭރުގެ ބައެއް ފަރާތްތަކުން ރަޖިސްޓަރ ނުކޮށް ރާއްޖޭގައި ވިޔަފާރިކުރަމުންދާކަމަށެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކާއި މަސައްކަތް ހަވާލުކުރާއިރު، އެފަރާތަކީ ޓެކްސް ނެގުމުގެ އިދާރާ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީކޮށް ޓެކްސްގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އެންމެހައި އިންތިޒާމްތައް ފުރިހަމައަށް އަދާކުރަންޖެހޭ ފަރާތެއްކަން ކަށަވަރުކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާއި ބެހޭ ޤާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި ރާއްޖޭގައި ވަޒަންވެރި ނުވިޔަސް ދާއިމީ މަރުކަޒެއް ހުންނަނަމަ އެފަރާތެއް މީރާގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. އަދި ބޭރުގެ ވިޔަފާރިއެއްގެ އޮފީހެއް ނުވަތަ ފެކްޓަރީއެއް ނުވަތަ ގުދަނެއް ހުރުމަކީވެސް އެފަދަ ވިޔަފާރިއެއްގެ ދައިމީ މަރުކަޒެއް ރާއްޖޭގައ ހުރިކަމަށް ބެލޭނެކަމަށްވެސް ޓެކްސް ނެގުމާއި ބެހޭ ޤާނޫނުގައިވެއެވެ.