ޚަބަރު

މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ބޮޑުކޮށް އިތުރު ފެރީ ގެންނަނީ


މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ބޮޑުކޮށް އިތުރު ފެރީތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ފްލެޓްތަކަށް މީހުން ބަދަލުވަމުންދާއިރު އަންނަ އަހަރު ހުޅުމާލެއަށް ދިހަހާހާ ގާތްކުރަ ޢަދަދަކަށް މީހުން އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ. މީގެ ސަބަބުން ހުޅުމާލޭ ފޭރީތަކަށް ޑިމާންޑް ބޮޑުވެ ފެރީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ޢަދަދު އިތުރުވާނެއެވެ. ޑިމާންޑާ އެއްވަރަށް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީކުރަމުންނެވެ. އެގޮތުން މާލެ-ހުޅުމާލޭ ފެރީ ޓަމިނަލް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. 



އެމްޓީސީސީގެ ޓްރާންސްޕޮޓޭޝަން ސަރވިސް ޑިޕަރޓްމަންޓްގެ އެގްޒެކަޓިވް މުޙައްމަދު ނާޒިމް ވިދާޅުވީ އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފެށާނެކަމަށެވެ. ޓާމިނަލްގެ އިތުރުން، އިތުރު ފެރީތައް ގެނައުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީކުރަމުންނެވެ. އެގޮތުން އިތުރު ދެފެރީ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓް ޔާޑުގައި އިތުރު ޑަބަލް ޑެކަރ ފެރީއެއް ބަނުމުގެ މަސައްކަތް އެމްޓީސީސީގެ މުވައްޒަފުން ކުރަމުންދާކަމަށް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު އިތުރު އޭސީ ފެރީއެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީގެ ޓްރާންސްޕޮޓޭޝަން ސަރވިސް ޑިޕަރޓްމަންޓްގެ އެގްޒެކަޓިވް މުޙައްމަދު ނާޒިމް ވިދާޅުވީ މި ފެރީތަކުގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.



ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްގޮތެއްގައި ހުޅުމާލޭ ފެރީގެ ޚިދުމަތް ބޭނުންކުރަނީ ދުވާލަކު ބާވީސް ހާސް މީހުންނެވެ. އެހެން ނަމަވެސް މިޢަދަދު 2018 ވަނަ އަހަރު ފަންސަވީސް ހާހާއި ސައްބީސް ހާހާއި ދެމެދުގެ ޢަދަދަކަށް އަރާނެކަމަށް ލަފާކުރެވެއެވެ. މާލެ-ހުޅުމާލޭ ފެރީ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރު އޮޓޮމެޓިކް ފެއަރ ކަލެކްޝަން ގޭޓުތައް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ ޓާމިނަލް ހެދުމާއި ފެރީތައް ގެނައުމުގެ މަޝްރޫޢުއަށް 2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ޚިދުމަތުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފުޅާކުރުމެވެ.