ވިޔަފާރި

31 ޑިސެމްބަރގައި ބޭންކުތައް ބަންދުވާނެ!


މިއަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު މަރުކަޒީ ބޭންކާއި ރާއްޖޭގައި ބޭންކިންގގެ ޚިދުމަތްދެމުން އަންނަ ބޭންކުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

މިކަމާ ބެހޭގޮތުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބުނީ، އެބޭންކުން މިއަހަރު ބޭންކިންގެ ޚިދުމަތްދޭނެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށެވެ.

އެމްއެމްއޭއިން ދެމުން އަންނަ ބޭންކިންގގެ ޚިދުމަތްތައް ޑިސެމްބަރުމަހުގެ އެއްތިރީސްވަނަ ދުވަހު ބަންދުވާނޭކަމަށް އެ ބޭންކުން ހާމަކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސްއާއި ބައެއް އަމިއްލަ ބޭންކްތަކުންވެސް ވަނީ، ހަމަ އެދުވަހު ބޭންކްތައް ބަންދުވާނޭކަން ހާމަކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ބޭންކް ބަންދުވިނަމަވެސް ބީއެމްއެލްގެ ހޮޓްލައިނާއި ފޭސްބުކް އަދި ޓްވިޓަރ މެދުވެރިކޮށް، ބީއެމްއެލްގެ ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކޮންމެ ގަޑިއެއްގައިވެސް އެހީތެރިކަން ދެމުންދާނޭކަމަށެވެ.

އޮޑިޓް ކުރުމުގެ ބޭނުމުގައި ކޮންމެ އަހަރެއްގެވެސް އެންމެ ފަހު ދުވަހު ބޭންކްތައް ބަންދުކުރާކަން ފާހަގަކޮށްލެވެއެވެ.