ކުޅިވަރު

މަހިބަދޫ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖިބިއްލީ ހޯދައިފި


މަހިބަދޫ ޒުވާނުންގެ 15 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޖިބިއްލީ ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ. 

އިއްޔެ ހަވީރު މަހިބަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗް ޖިބިއްލީ ކާމިޔާބުކުރީ އެކްސްޕްރެސް އާއި ވާދަކޮށް 2-1 ން ކުރި ހޯދާއިގެންނެވެ. މި މެޗުގައި ޖިބިއްލީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާއަށް ކުޅޭ ޑިފެންޑަރު ސަމޫހު އަލީއެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން އެކްސްޕްރެސް ޓީމުގެ މުޒައްފަރު މޫސާ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނާތީޖާ ހަމަހަމަކޮށްފައެވެ. ފައިނަލް މެޗުން ޖިބިއްލީ ސްޕޯޓްސް ކްލަބް މޮޅުކޮށްދިން ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިދިޔަ ތިން އަހަރު ޓީސީއަށް ކުޅުނު ނާއިޒް ހަސަން (ދާދު)އެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޖިބިއްލީ ސްޕޯރޓްސްގެ ސަމޫހު އަލީއެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އެކްސްޕްރެސް ޓީމުގެ ހުސައިން ޝިފާޒް މުހައްމަދެވެ. އެންމެ މޮޅު ޑިފެންޑަރަކީ ޖިބިއްލީގެ ޢަލީ ރިޝާމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެކްސްޕްރެސްގެ އިސްމާޢީލް ނަޒީރުއެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކީވެސް އޭނާއެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ހަމައެޓީމުގެ އާދަމް ނުޒޭރުއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އެކްސްޕްރެސް ޓީމުގެ އާދަމް ފަހުމާންއެވެ. 6 ލަނޑު ޖަހައިގެން މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ އެކްސްޕްރެސް ޓީމުގެ މުޙައްމަދު މުޒައްފަރެވެ.