ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެއިން


ބަނގްލަދޭޝްގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެޤައުމަށް އެތެރެވެފައިވާ މިޔަންމާގެ ރޮހިންޔާ ރެފިއުޖީންނަށް އާބާދީގެ ނިސްބަތުން ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ވެދީފައިވަނީ ދިވެހިރާއްޖެއިންކަމަށް ދަރުމަވެރި ޖަމްޢިއްޔާ ދިވެހި ރެޑް ކްރެސެންޓުން ހާމަކޮށްފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން މިކަން ހާމަކޮށްފައިވަނީ ބަނގްލަދޭޝްގައި ރެފިއުޖީންގެ ގޮތުގައި ތިބި ރޮހިންޔާ މުސްލިމުންނަށް އެހީ ހަވާލުކުރުމަށް ބަނގްލަދޭޝްއަށް ކުރި ދަތުރު ނިންމާލުމަށްފަހު ޕީއެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ.

މިޔަންމާގެ ރަކާން ސްޓޭޓްގައި އެޤައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން އޮގަސްޓް މަހުުގެ 25 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ އޮޕަރޭޝަންގެ ސަބަބުން އެތައް ސަތޭހަހާސް ރޮހިންޔާ މުސްލިމުންވަނީ އަވައްޓެރި ބަނގްލަދޭޝަށް ހިޖުރަކޮށްފައި. އަދި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް  ޖަމާވެފައިވާ މިޔަންމާގެ ރޮހިންޔާ ރެފިއުޖީންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ރޮހިންޔާ މުސްލިމުންނަށް ކުރަމުންދާ އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީތެރިކަމުގެ އަތްދިއްކޮށްފައިވާއިރު، ދިވެހިންނަކީ މި ކަމުގައި އެންމެ ފުރަތަމަ އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދިން އެއް ޤައުމެވެ. އެގޮތުން ރޮހިންޔާ މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާގެ ޚަބަރު ލިބެންފެށި ހިސާބުންފެށިގެން، ދިވެހި ސަރުކާރާއި އަމިއްލަ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން އެކި ޙަރަކާތްތައް ހިންގައި ފައިސާގެ އެހީއާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދަން ފެށިއެވެ.

އެގޮތުން ރާއްޖޭގެ މީޑިއާތަށް ގުޅިގެން ޓެލެތޯންތައް ހިންގާ، ރެޑް ކްރެސެންޓްފަދަ ޖަމާޢަތްތައް ގުޅިގެން ފަންޑުހޯދުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދަންފެށިއެވެ.

ބަނގްލަދޭޝްގައި ރެފިއުޖީންގެ ގޮތުގައި ތިބި ރޮހިންޔާ މުސްލިމުންނަށް ދިވެހި ރެޑް ކްރެސެންޓަށް ލިބިފައިވާ އެހީ ހަވާލުކުރުމަށް އެޤައުމަށް ކުރި ދަތުރު ނިންމާލުމަށްފަހު ޕީއެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި އެޖަމްޢިއްޔާގެ ސެކެޓްރީ ޖެނެރަލް އައިޝަތު ނޫރާ މުޙައްމަދު ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓުން އެކަނިވެސް 7.6 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ރޮހިންޔާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި މުޅި ދިވެހި ރާއްޖެއިން ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ އެހީ އެފަރާތްތަކަށް ވެދީފައިވާކަން ނޫރާ ފާހަގަކުރެއްވިއެވެ.

ބަންގަލަދޭޝްގެ ކޯކްސް ބާޒާރުގެ މިހާރުގެ ޙާލަތު ސިފަކޮއްދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް އައިޝަތު ނޫރާ މުޙައްމަދު ވިދާޅުވީ މިހާރު ބަނގްލަދޭޝްގައި ތިބި ރޮހިންޔާ ރައްޔިތުންގެ ހާލަތު ރަނގަޅުވާން ފަށާފައިވާކަމަށެވެ. އެހެންނަމަވެސް އެތަށް ބަޔަކަށް އަދިވެސް ބޯހިޔާވަހިކަމާއި ސިއްޙީ އެހީ ބޭނުންވާކަން ނޫރާ ފާހަގަ ކުރެއްވިއެވެ. އަދި ރޮހިންޔާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ރެޑް ކްރޮސް ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން ކުރި މަސައްކަތުން، މިހާތަނަށް ހަތަރު ސަތޭކަ ހާސް މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ނޫރާ ފާހަގަކުރެއްވިއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް، ދިވެހި ރެޑް ކްރެސެންޓުން ރަސްމީކޮށް ފައިސާ ބަލައިގަތުން ހުއްޓާލައިފައިވީނަމަވެސް، ރޮހިންޔާ މުސްލިމުންގެ ޙާލަތު ވަރަށް ކައިރިން ބަލަމުންދާކަން ނުރާ ފާހަގަކުރެއްވިއެވެ. އަދި ބަނގްލަދޭޝްގައި ހާލުގައި ޖެހިފައިތިބި މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ މަގު ދިވެހި ރެޑް ކްރެސެންޓުން ފަހިކޮއްދެއްވާނެކަމަށް ނޫރާ ވިދާޅުވިއެވެ.