ޚަބަރު

ދެކުނުގެ ބޮޑު ބަޔަކަށް "ޔެލޯ އެލާޓް" ނެރެފި


ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން "ޔެލޯ އެލާޓް" ނެރެފިއެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާއިން "ޔެލޯ އެލާޓް" ނެރެފައިވަނީ ހުވަދުއަތޮޅާއި ފުވައްމުލަށް ހިމެނޭ ސަރަޙައްދަށެވެ. އެލާޓް ނެރެފައިވަނީ މިރޭގެ 22:00 އިން މާދަމާގެ 01:00 ގެ ނިޔަލަށެވެ. މިސަރަޙައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ. 

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އިރުއުތުރުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލުމާތުދެއްވައެވެ. 

އަދި އެހެންހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާއިން މަޢުލޫމާތުދެއެވެ.