 
					
									
			ޕީއެސްއެމްގެ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ"ޗިލްޑްސްރަންސް ޑްރާމާ ޕްރޮޑަކްޝަން" ޓްރޭނިންގ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ. 
 
ޕީއެސްއެމްގެ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ޗިލްޑްސްރަންސް ޑްރާމާ ޕްރޮޑަކްޝަން" ޓްރޭނިންގ ޕްރޮގްރާމްގައި 9 ފަރާތެއް ބައިވެރިވިއެވެ.
 
މި ޓްރެއިނިން ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮސްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ.
 
ޖަޕާނުގެ އެން.އެޗް.ކޭ ގެ އެކްސްޕަރޓެއް ކަމަށްވާ ޔޮޗީރޯ ޓަކަހާޝީ ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމަކީ ކުޑަކުދިންނަށް އަމާޒުކޮށް ޓެލެ ޑްރާމާ އުފައްދާނެގޮތް ދަސްކޮށްދިނުމަށް ބޭއްވި ޓްރެއިނިންގއެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގައި، ޓެލެޑްރާމާ މެދުވެރިކޮށް، ކުޑަކުދިންނަށް ދޭން ބޭނުންވާ މެސެޖް ވީހާވެސް ކުރުކޮށް ދޭނެގޮތާއި، ކްރިއޭޓިވްކޮށް ކުރު ޑްރާމާ ތައްޔާރުކުރާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާދީފައެވެ.
 
ޕީއެސްއެމްގެ ޓީވީ އާއި ރޭޑިޔޯ ޕްރޮގްރާމްސްގެ މުވައްޒަފުންނާއި އަމިއްލަ ފަރާތަކުން ބައިވެރިވި މި ވޯކްޝޮޕަކީ ކުޑަކުދިންނަށް ޚާއްސަކޮށް މިފަދަ ޑްރާމާތައް ތައްޔާރުކުރުމާ ގުޅޭ ގޮތުން މިގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ވޯކްޝޮޕެވެ. 
 
" ޗިލްޑްސްރަންސް ޑްރާމާ ޕްރޮޑަކްޝަން" ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ދެދުވަހުގެ މުއްދަތަށް އެމް.އެމް.އައި ގައެވެ. މި ދެދުވަހުގެ ތެރޭގައި ބައިވެރިންނަށް ލިބުނު މަޢުލޫމާތުގެ އަލީގައިވަނީ ކުރު ޑްރާމާއެއް ތައްޔާރުކޮށްފައެވެ.
 
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޖަޕާނުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ސީނިއަރ ޕްރޮގްރާމް ޑައިރެކްޓަރ ޔޮޗީރޯ ޓަކަހާޝީ ބުނީ ވަރަށް ކުރުމުއްދަތެއްގައި ވަރަށް ބުރަ މަސައްކަތްތަކެއް ވޯކްޝޮޕްގެ ބައިވެރިން ކުރިކަމަށެވެ. އޭނާ ވަނީ މިފަދަ ފުރުޝަތެއް ދިނުމުން އެމްއެމއައިއަށް ޝުކުރު އަދާކޮށްފައެވެ.
 
"މި ވޯރކްޝޮޕްގެ ބައިވެރިން ވަރަށް ޝައުގުވެރިކަމާއިއެކު މަސއްކަތްކޮށްފައިވޭ. އަދި މި ވޯރކްޝޮޕްގެ ޒަރިއްޔާއިން ބައިވެރިންނަށް ކުރިން ނޭގޭ އެތަށް މައުލޫމާތުތަކެއް ފޯރުކޮށްދިނިން. މިފަދަ ވޯރކްޝޮޕްތައް ގިނައިން ބޭއްވުމަކީ ޑްރާމާ ތައްޔާރު ކުރާ ފަރާތްތަކަށް ވަރަށް މުހިއްމުކަމެއް" އޭނާ ވިދާޅުވިއެވެ.
 
ޗިލްޑްސްރަންސް ޑްރާމާ ޕްރޮޑަކްޝަން" ވޯރކްޝޮޕްގެ ބައިވެރިން ބުނީ މިފަދަ ވޯރކްޝޮޕްތައް ގިނަގިނައިން ބާއްވާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި މި ވޯރކްޝޮޕުން ކުރިންނޭގޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަކަށް ބައިވެރިން ފާހަގަކުރިއެވެ.
 
ޖަޕާނުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ސީނިއަރ ޕްރޮގްރާމް ޑައިރެކްޓަރ ޔޮޗީރޯ ޓަކަހާޝީއަކީ ކުރު ފިލްމު ހެދުމުގައި ވަރަށް ތަޖުރިބާހުރި މީހެކެވެ. އަދި އޭނާއަށް ވަނީ ބައިނަލްއަޤްވާމީ ވަރަށް ގިނަ އެވޯޑްތަކެއްވެސް ލިބިފައެވެ.