ޚަބަރު

ރާއްޖޭގެ ކަންކަން ނިންމުމަށް ބޭރުގެ ލަފާ ބޭނުމެއް ނުވޭ- ރައީސް


ރާއްޖޭގެ ހުރިހާ ކަމެއްގައި ބޭރުގެ މާހިރުންގެ ލަފާހޯދުމަކީ ދިވެހި ވެށްޓަށް އެންމެ ފައިދާހުރިގޮތް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ހައްލުކުރުމުގައި ބޭރުގެ މާހިރުންގެ ލަފާހޯދުމަކީ ދިވެހި ވެށްޓަށް އެންމެ ފައިދާހުރިގޮތް ކަމުގައި ނުވާތީ ރައްޔިތުންގެ ޙާލަތު ދަންނަ، ރައްޔިޔުންގެ އުންމީދުތައް އެނގޭ ދިވެހި ދަރިން ތަމްރީނުކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލް ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ. އެގޮތުން ޤާނޫނޫ އަސާސީގައި ދައުލަތުގެ ބޮޑެތި މައްސަލަތައް މަޝްވަރާގެ މަތިން ނިންމުން ލާޒިމްކުރާއިރު، ރައްޔިތުންނާ ގުޅުންހުރި އުސޫލީ ހުރިހާ ކަމެއް ނިންމުމުގައިވެސް ސަރުކާރުން މަޝްވަރާ ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަންކަން ނިންމުމުގައި އަމަލު ކުރަމުންދާ އުސޫލުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމަށް މަޝްވަރާކުރާނެ އުސޫލެއް ކަނޑައެޅިފައިވާނެ ކަމަށާއި ވަޒީރުންގެ މަޖިލީހުގެ އިތުރުން އިޤްތިޞާދީ ކައުންސިލާއި އިޖުތިމާއީ ކައުންސިލެއް އުފައްދަވާ، ކޮންމެ ދުވަހަކު ދެގަޑިއިރު ރައްޔިތުންނާ ގުޅުހުންހުރި މައްސަލަތަކުގައި މަޝްވަރާކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކަންކަން ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކުވެސް މަޝްވަރާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރުމަށް ދެއްވާފައިވާ ދައުވަތަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްވަރާކުރުމަށް ދައުވަތު ދެއްވީ ސިޔާސީ ފަރާތްތަކަށް ކަމަށާއި ލީޑަރުންނެތުމަކީ ސަރުކާރާއެކު މަޝްވަރާ ނުކުރަން ވީ ސަބަބެއް ނޫން ކަމަށެވެ. ހުރިހާ ޕާޓީތަކެއްގެ ފިކުރާއެކު އެމަނިކުފާނަށް މަޝްވަރާކޮށް މަސައްކަތްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީއާ ޤާނޫނުތަކުގެ އަކުރުން އަކުރަށް ތަންފީޒުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރަކީ މިސަރުކާރު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުން ތަރައްޤީޤެ މަޝްރޫޢުތަށް ކުރިއަށް ގެންދަވަނީ ކުރީގެ ސަރުކާރުތަކުން މިސަރުކާރަށް ވާރުތަވި ދަރަންޏާއެކުގައި ކަމަށާއި މަޝްރޫޢުތައް އެންމެ ހަލުވި ސްޕީޑުގައި ކުރިއަށް ނުދަނީ އެސަބަބަށްޓަކައި ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތައް ނިމި ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގެ މުސްތަޤްބަލާމެދު ނާއުއްމީދު ނުވުމަށާއި މިއީ މުސްތަޤްބަލެއް އޮތް ކުރިއަށްދާނެ ދައުލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.