ޚަބަރު

ޤާނޫނޫގެ ބޭރުން ހައްޔަރުކުރި އެކަކުވެސް ނުދެއްކޭނެ - ރައީސް


ޤާނޫނޫގެ ބޭރުން ހައްޔަރުކުރެވުނު އެއްވެސް މީހަކު ސިޔާސީ އެއްވެސް ފަރާތަކަށް ނުދެއްކޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ބަނދަރު ހުޅުއްވައިދެއްވާ، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެމަނިކުފާނުގެ ސަރުކާރަށް އަމާޒުކުރާ ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަފުޅުދައްކަވާފައެެވެ. މިގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް އަމާޒުވާ އެންމެ ބޮޑު ސުވާލަކީ، ސިޔާސީ ލީޑަރުން ހައްޔަރުކުރާ ވާހަކަޔާއި، އަނިޔާވެރި ސަރުކާރެއް ކަމަށް ބުނާ ބުނުމެވެ. އެވާހަކަތަކަށް ރައްދުދެއްވާ ރައީސް ވިދާޅުވީ، އަނިޔާވެރި ސަރުކާރަކީ މިސަރުކާރު ނޫން ކަމަށާއި ރައްޔިތުންނަށް އަނިޔާވެރުވުން ކަމަށްވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ ބޭރުން މީހުން ހައްޔަރުކުރުން ކަމަށާއި އެކަން ކުރީ މިސަރުކާރުން ނޫން ކަމަށެވެ. ޤާނޫނޫގެ ބޭރުން ހައްޔަރުކުރި އެއްވެސް މީހަކު އެއްވެސް މީހަކަށް ނުދެއްކޭނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ޤާނޫނާއި ޤާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ތަރައްޤީގެ މަޝްރޫޢުތަށް ކުރިޔަށް ނުދާކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ތަރައްޤީޤެ މަޝްރޫޢެއް ކުރިޔަށް ނުދާ ރަށެއް ނޯންނާނެ ކަމަށެވެ. މިގޮތުން މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖް ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ނޭޅޭނެކަމަށް ބުނި ކަމަށެވެ. ނަމަވެސް އެމަޝްރޫޢު ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް އަންނަ އަހަރު މެދުތެރޭގައި ނިންމާނެ ކަމަށާއި ބްރިޖް ހުޅުވުމަށް ކުރީގެ ރައީސުންނާއި ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ރައީސް ދަޢުވަތު ދެއްވިއެވެ.

ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންގެ ދައުރާ ގުޅޭ ގޮތުންވެސް ރައީސް ވާހަކަފުޅުދެއްކެވިއެވެ. ރައީސް ވިދާޅުވީ ސަފީރުންނަށް ޚާރިޖީ ވާހަކަދެއްކޭނީ ދިވެހި ދައުލަތާއި ވަޒީރުންގެ މަޖިލީހާއެގެ މެންބަރުންނާއެކު ކަމަށެވެ. އަދި އެހެން ޤައުމުތަކުގެ އިންތިޒާމުތަކަށް އިޙްތިރާމްކުރާ ފަދައިން މިޤައުމުގެ އިންތިޒާމުތަކަށް ބޭރުގެ ސަފީރުން އިޙްތިރާމްކުރަންޖެހޭ ކަމަށެވެ. ސަފީރުންގެ ފަރާތުން ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ، ދައުލަތަށް އެހީތެރިކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީޤގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ ފަރާތުން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް މަންދޫބުން އަމަލުކުރަމުންދާނަމަ ރައްޔިތުން އެމަންދޫބުންނާ ސުވާލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.