ޚަބަރު

ސަރުކާރުން ލޯނު ނަގަނީ އަސާސީ ޚިދުމަތް ފޯރުކޮށްދޭން - ރައީސް


ސަރުކާރުން ލޯނު ނަގަނީ ލައްޒަތާ އަރާމު ހޯދުމަށް ނޫންކަމަށާއި ލޯނު ނަގަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމިނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅު ނައިފަރު ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. 

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ލޯނު ނަގައިގެން މަޝްރޫޢުތައް ކުރިޔަށް ގެންދިއުމާމެދު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައްދުދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑު ހޭދައެއްކޮށްގެން ދަރުމަރުމަވަންތަ ހޮސްޕިޓަލް ބިނާކޮށް ސަރުކާރުން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ފެށުމުން އެހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ރައްޔިތުންނަށް އެހިދުމަތް ދެނީ ދަރަންޔަށް ފައިސާ ނަގައިގެންކަން އިހުސާސް ނުކުރެވޭނެކަމަށެވެ.



އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކޮޅު އެކި ލީޑަރުންނަށް ޑިމޮކްރަސީ ފަހުމްވަނީ އެކިގޮތްގޮތައްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފައިދާއަށް ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ވާހަކަ ދައްކަވަނީ ކޮންފަރާތަކުންކަން ރައްޔިތުންނަށް ނޭގޭކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ހެޔޮއެދޭ ސިޔާސީ ލީޑަރުން އިޚްތިޔާރު ކުރާއިރު ތިންކަމަކަށް ވިސްނާ ފިކުރުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެގޮތުން ރައްޔިތުން ވޯޓު ދިނުމުގެ ކުރިން ވޯޓުދޭ މިހާއަކީ އިސްލާމީ މުޖުތަމައާ އިސްލާމީ އަޤީދާގެ ހަމަތަކުގެ މައްޗަށް ވާހަކަދައްކާ ސިޔާސީ ލީޑަރެއްތޯ އާއި ނުކުރެވޭ ވަރުގެ ވާހަކަ ދައްކާ މީހެއްތޯ އާއި ދިވެހި ވެއްޓަށްފެތޭ އަމަލީގޮތުން މަސައްކަތް ތަންފީޒުކުރެވޭ ވަރުގެ ޢިލްމާއި ހުނަރުވެރި މީހެއްތޯ ބަލަން ރައީސް އަދިވަޑައިގެންނެވިއެވެ.



ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެންވަރު ރަގަޅު ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމަކާގުޅުންހުރި ހަރުދަނާ ވާހަކައެއް އިދިކޮޅު ފަރާތްތަކުން ނުދައްކާކަމަށެވެ. ރައީސް ވަނީ ޒުވާނުން ބިނާކުރުމަށާއި އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ލޯނު ނުނަގަންވީ ކީއްވެތޯ އިދިކޮޅު ފަރާތްތަކާއި ސުވާލު ކުރައްވާފައެވެ.



ޑިމޮކްރަސީގެ ސިފަތައް ތަފްސީލް ކޮށްދެއްވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ އެންމެ ބޮޑު އެއް ފާޑުކިއުމަކީ ޚިޔާލުފާޅުކުރުމާއި ވާހަކަދެއްކުމުގެ މިނިވަންކަން ނެތުންކަމަށެވެ. މިކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެހައްޤުތައް މިސަރުކާރުގައި އެބައޮތްކަމަށާއި ނަމަވެސް އިސްލާމީ އުސޫލްތަކާ ޚިލާފު ވާހަކަދެއްކުމުގެ މިނިވަންކަން މިސަރުކާރުން ނުދެއްވާނެކަމަށެވެ. އަދި އެކަކުއަނެކަކަށް ފުރައްސާރަ ކުރުމާއި ރައްޔިތުންގެ ކަރާމަތާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަދެއްކުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.