ޚަބަރު

ހއ. އަތޮޅުގަ ހިންގި ބޭސިކް ސައިން ލެންގުއޭޖް ތަމްރީން ނިމިއްޖެ


ހއ.އަތޮޅުގައި ޢާންމު ޚިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ދެ ބަޔަކަށް ބަހާލައިގެން މި މަހު 16 އިން 24 އަށް ކުރިއަށް ގެންދިޔަ މިތަމްރީންއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ތަމްރީނެކެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން އިންތިޒާމް ކޮށްގެން ބޭއްވި މިތަމްރީންގައި ހއ.އަތޮޅުގެ 7 ރަށަކުން ޖުމްލަ 66 މީހުން ބައިވެރިވިއެވެ. 

ތަމްރީން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށާއި އެކި ދާއިރާތަކުގަ ޝާމިލުވާ މިންވަރު އިތުރުކުރުމަށްޓަކާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީން ރާވަމުންދާކަމަށެވެ. އަދި މުސްތަޤުބަލުގައި މި ދާއިރާ ކުރިއެރުވުމަށް އަތޮޅު ފެންވަރުގައި އެކި މަސައްކަތްތައް ފަށާ ހިންގުމުގައި ކޯހުގެ ބައިވެރިންގެ ފަރާތުން އިސް ދައުރެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސައިން ލެންގުއެޖް ދަސްކުރުމަށް ގިނަ ފަރާތްތަކަށް ހިތްވަރު ދެއްވުމަށް ކޯހުގެ ބައިވެރިންގެ ފަރާތުން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. 

ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މި އަހަރުގެ ތެރޭގައި ބޭސިކް ސައިން ލެންގުއެޖް ޓްރޭނިންގގެ ހަތަރު ކޯހެއް ހިންގާ، ޖުމްލަ 180 އަށް ވުރެ ގިނަ މީހުން ތަމްރީނުކޮށްފަވެއެވެ.