ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން މާދަމާ ހެނދުނު


މިއަހަރުގެ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް އެއްބައިވަންތަކަމުގެ އަތުގުޅާލުމެއް ވެލާނާގެ ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އެކިއެކި ފަރާތްތައް ހިމެނޭގޮތަށް އެއްބައިވަންތަކަމުގެ އަތުގުޅާލުމެއް ވެލާނާގެ ހިމެނޭ ސަރަހައްދުގައި ބާއްވާނެކަމަށެވެ.

އެއްބައިވަންތަކުގެ އަތުގުޅާލުން ފެށޭނީ ނުވަގަޑި ފަނަރައިގައެވެ. އަދި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި، ގެއްލިގެންދިޔަ މީހުންގެ ހަނދާނުގައި ނުވަގަޑި ތޭވީހުގަ 1 މިނެޓްގެ ސްކޫތެއް ގެނައުން އޮންނާނެއެވެ. ސްކޫތަށްފަހު ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މި އަތުގުޅާލުމުގައި ބައިވެރިވުމަށް ވެލާނާގެ ސަރަހައްދަށް ހެނދުނު ނުވައެއްޖަހާއިރު ދިޔުމަށް ހޯމް މިނިސްޓްރީން އެދިފައިވެއެވެ.