ޚަބަރު

"ދި ލެގަސީ"ގެ ދެވަނަ ޕްރޮގްރާމަށް ޝައިޚް ޙުސައިން ޔީ ރާއްޖެއަށް


ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ދި ލެގަސީ" ސިލްސިލާގެ ދެވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައިޚް ޙުސައިން ޔީ ރާއްޖެ ވަޑައިގެންފިއެވެ.

ބައިނަލްއަޤުވާމީ އެކި ފޯރަމްތަކުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ ޝެއިޚް ޙުސެއިން ޔީ ރާއްޖެ ވަޑައިގަތީ ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށެވެ. ލެގަސީގެ ދެވަނަ ޕްރޮގްރާމްގައި ދަރުސްދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމްސް ރިލެވެންސް ޓުޑޭ" މިމަޢުޟޫއަށެވެ.

މި ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒު މައިދާނުގައި. ޝެއިޚް ޙުސެއިން ޔީ ގެ މި ދަތުރުގައި މާލެއާއި ވިލިމާލޭގައި ދަރުސް ދިނުމާއި ވޯކްޝޮޕްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން "ދަޢުވާ މެނޭޖްމެންޓް ވޯކްޝޮޕް"އާއި "ޕްރޮކްސިމިޓީ ވޯކްޝޮޕް" މިހަފްތާގެ އެކި ދުވަސްތަކުގައި މާލެއާއި ވިލިމާލޭގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މާލޭގައި ވޯކްޝޮޕްތައް ކުރިއަށްދާނީ އިސްލާމީ ޔުނިވަރސިޓީގައެވެ.

ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝެއިޚް ހުސެއިން ޔީ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ގިނަ ބަޔަކަށް ހުޅުވާލެވިފައިވާ ތަނެއްކަމުން އިސްލާމީ ދަޢުވަތު ފެތުރުމަށް އިސްލާމީ ރިވެތި އަޚްލާޤާއި ނަމޫނާ ދިވެހިންނަށް ދެއްކިދާނެކަމަށެވެ.

ޝެއިޚް ޙުސެއިން ޔީއާއެކު މި ވޯކްޝޮޕްތަކުގައި އޮސްޓްރޭލިއާގެ ބޭފުޅެއްކަމަށްވާ ޝެއިޚް ޢަބްދުއް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.

"ދި ލެގަސީ"އަކީ ޕީސްފައުންޑޭޝަނުން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިއަހަރުގެ ޖުލައި މަހު ފެށި ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެ. ޝެއިޚް ޙުސެއިން ޔީ ވަނީ މީގެ ކުރިންވެސް އެކި ޕްރޮގްރާމްތަކުގައި ރާއްޖެ ވަޑައިގެން ދަރުސްދެއްވާފައެވެ.