ޚަބަރު

އަންނަ އަހަރު މުޅީން އާ މަޝްރޫޢުތައް އިފްތިތާޚް ކުރެވޭނެ - ރައީސް


ކުރީ ސަރުކާރުތަކުން މިސަރުކާރަށް ވާރުތަވި މަޝްރޫޢުތަކާއި މިސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިލަދުންމަޑުލު ދެކުނުބުރި ހޮޅުދޫ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައްޔިތުންނާއި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރު ނިމިގެންދާއިރު ސަރުކާރުން ފައްޓަވާފައިވާ ހުރިހާ މަޝްރޫޢުތައް އަންނަ އަހަރުގެ ނިޔަލަށް ނިންމަވާނެކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ވާރުތަވި ހުރިހާ މަޝްރޫޢުތަކެއްވެސް ނިންމަވާނެކަން ރައީސް ފަހަގަކުރެއްވިއެވެ. ހުރިހާ ސަރުކާރުތަކުންވެސް ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނުއްވަނީ ދެއަހަރު ނުވަތަ ތިންއަހަރަށް ބަހާލައިގެންކަމަށާއި، ނަމަވެސް އަންނަ އަހަރު ވެގެންދާނީ ރާއްޖޭގެ ތާއީޚުގައިވެސް މުޅީން އާ މަޝްރޫޢުތައް ހިމެނިގެންދާނެ އަހަރެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫގައި ކުރިއަށްގެންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތަަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ހޮޅުދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ހުޅަނގު މޫސުމުގައި ރަށުގެ މެދުގައި ފެންބޮޑުވުމުގެ މައްސަލަކަމަށާއި އެކަމަށް ދާއިމީ ހައްލެއް އަންނައަހަރުގެ ކުރީކޮޅު ގެންނަވާނެކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރު ނިމިފައިވާކަން ރާއީސް ފާހަގަކުރެއްވިއެވެ.



މިހާރުގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި އިސްލާމީ ދަޢުލަތައް ދިމާވާ ދަތިތައް ހައްލުކުރުމުގައި ދިވެހިރާއްޖެ އިސްތިސްނާ ނުވާނެކަމަށެވެ. މުސްލިމުންނަށް ދިމާވާ އެކިކަންކަމުގައި މި ސަރުކާރުން އަޑު އުފުލަމުން ގެންދާކަމަށާއި، އެއީ ދީނީ ވާޖިބެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޭރު ޤައުމުތަކުގެ ޑިމޮކްރަސީގެ ކަންކަން ރާއްޖެއަށް ބޭނުން ނުވާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، އިސްލާމީ ފިކުރާއި އިންސާނީ ހައްޤުތަކާއި ޝަރީޢަތާއި އެއްގޮތަށް ކުރިއަށްދާ ޑިމޮކްރަސީގެ ކަންކަން ރާއްޖެ ޤަބޫލް ކުރާކަމަށެވެ. އިދިކޮޅު ސިޔާސީ ވާދަވެރިންނަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެމީހުންނަށް އެމީހުންގެ އަމިއްލަ ސިޔާސީ ފިކުރުވެސް ނޭންގޭކަމަށެވެ. ތިން ލައްކައަށްވުރެ ބޮޑު އާބާދީއަށް ޚިދުމަތްކުރެވޭނީ ސިޔާސީ ފިކުރު ހަރުދަނާ ވެގެންކަމަށާއި މި ސަރުކާރުގެ ފިކުރަކީ އެއްވެސްކަހަލަ އޮޅުމެއްނެތް ފިކުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.