ފުވައްމުލައް ސިޓީގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮތްޕެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. އިސްލާމިކް ބޭންކްގެ މި ގޮފި ޤާއިމްކޮށްފައިވަނީ، ފުވައްމުލަކު މިސްކިތްމަގު އަވަށުގައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ، ފުވައްމުލަކުގައި ޤާއިމްކުރި ގޮފިން އެމްއައިބީގެ އިސްލާމީ ޝަރީއާ ހުއްދަކުރާ ހުރިހާ ޚިދުމަތްތަކެއް ލިބޭނެކަމަށެވެ. މީގެތެރޭގައި އެކައުންޓް ހުޅުވުމާއި އެމްއައިބީން ކަސްޓަމަރުންނަށް މާލީގޮތުން ދެމުންގެންދާ ޚިދުމަތްތައްވެސް ހިމެނެއެވެ.
ފުވައްމުލަކުގައި އެމްއައިބީން ޤާއިމްކޮށްފައިވާ މި ގޮފިން ޚިދުމަތްދިނުމަށް މެނޭޖަރެއްގެ އިތުރުން 6 މުއައްޒަފުން ހަރަކާތްތެރިވާނެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ، ފުވައްމުލަކުގައި ޤާއިމްކުރި އެ ބޭންކްގެ ގޮތްޕަކީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ބޭންކްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަމާޒްގެ ދަށުން ޤާއިމްކުރި ގޮތްޕެއްކަމަށެވެ. އަދި މިއީ ޤައުމުގެ ހުރިހާ ފަރުދުންނަށް އެކަށީގެންވާ އަގެއްގައި ރަނގަޅު ފެންވަރެއްގެ މާލީ ހިދުމަތްތައް ފަސޭހައިން ދިނުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހުޅުވި ގޮތްޕެއްކަމަށްވެސް އެމްއައިބީން ބުނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ދަނީ މާލޭގެ އިތުރުން ހުޅުމާލެ، އައްޑޫސިޓީ ހިތަދޫ، ގދ ތިނަދޫ އަދި ހދ ކުޅުދުއްފުށީގަ އެ ބޭންކްގެ ގޮފިތައް ހުޅުވާ ޚިދުމަތްދެމުންނެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން އެ ބޭންކްގެ އިތުރު ގޮތްޕެއް އުތުރުގައި ހުޅުވުމަށް ނިންމާފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ފައިނޭންސް އަށް އަމާޒުކޮށް ހުޅުވި ފުރަތަމަ ބޭންކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާ ޚިދުމަތްދޭން ފެށީ 2011 ވަނަ އަހަރެވެ. މިއީ %25 ދިވެހި ސަރުކާރު ހިއްސާވާ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ %70 ހިއްސާ އޮންނަ ބޭންކެކެވެ. އަނެއް %5 ހިއްސާވަނީ އަމާނާ ތަކާފުލްއެވެ.