ޚަބަރު

އިސްލާމިކް ފެއަރ 2017 ފަށައިފި


ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ޚާއްސަ ފެއަރއެއް ފަށައިފިއެވެ.

އިސްލާމިކް ފެއަރ 2017 ނަމުގައި ކުރިއަށްގެންދާ މި ފެއަރ ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މާދަމާގެ ނިޔަލަށް އިސްލާމީ މަރުކަޒު ސަރަޙައްދުގައި ކުރިއަށްދާ އިސްލާމިކް ފެއަރ އަކީ ދިވެހި ރައްޔިތުންނަށް ދީނީ ގޮތުން އެގެންޖެހޭ މުހިންމު މަޢޫލޫމާތުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޚާއްސަ ފެއަރއެކެވެ.

މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތްމިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި، މިފަދަ އިސްލާމިކް ފެއަރއެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން މި ފެއަރގެ ސަބަބުން ދީނީ މަޢުލޫމާތު އޮޅުން ފިލުމުގެ އިތުރުން އިސްލާމްދީނާ ބެހޭގޮތުން ލިޔެފައިވާ ފޮތްތައްވެސް އާންމުންނަށް ތަޢާރަފް ވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ދީނީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން، ތުއްތުކުދިންނާއި ޒުވާނުން ދީނީ ކަންތަކަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ އިސްލާމިކް ފެސްޓިވަލް "ހުކުރު އުފާ"ގެ ޚާއްސަ ހަރަކާތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީން މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް މިނިސްޓަރ ތައުރީފް ކުރެއްވިއެވެ.

"ޚާއްސަކޮށް ގިނަ ބަޔަކު މިކަމުގައި ބައިވެރިކޮށްގެން މިކަން ކުރިއަށްގެންދިޔުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ހާސިލްކުރުމަށް ބޭނުންވާ މަޤްޞަދު ޙާސިލްކުރުމަށްޓަކައި ވަރަށްވެސް މުހިއްމުކަމެއް. އަދި ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ފެއަރެއް ކުރިއަށްގެންދިޔުމަކީވެސް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލު ކުރަން." ހެލްތ މިނިސްޓަ ވިދާޅުވިއެވެ.

އިސްލާމިކް ފެއަރ 2017 ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަވީރުގެ ދަންފަޅި ޚާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ. އެކުދިންނަށް ޚާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް މި ފެއަރ ގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ފެއަރގެ ރޭގަނޑުގެ ދަންފަޅި ބޮޑެތި މީހުންނަށް ޚާއްސަކޮށްފައިވާއިރު، ސުވާލާއި ޖަވާބު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއަރގައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ސްކޫލްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތައް ބައިވެރިވިއެވެ. އެގޮތުން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއާއި، ޙައްޖު ކޯޕަރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައިވެރިވެއެވެ. މި ފެއަރގައި އިސްލާމި ހަޟާރަތާއި ޘަޤާފަތް ދައްކުވައިދޭ މިއުޒިއަމެއްވެސް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ވަނީ ބަހައްޓާފައެވެ.

އިސްލާމިކް ފެއަރ ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00އާ ހަމައަށް އިސްލާމީ މަރުކަޒު މައިދާނުގައެވެ.