ވިޔަފާރި

ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަނީ


ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި، ފަތުރުވެރިން އަދަދު މިއަހަރުވެސް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 572،021 ފަތުރުވެރިންނަކީ ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %45.9 އެވެ. އަދި ނޮވެމްބަރުމަހުގެ ނިޔަލަށް އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީވެސް ޔޫރަޕްގެ ޤައުމުތަކުންނެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމަކީ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، ރަޝިޔާ އަދި ފަރަންސޭސިވިލާތެވެ.



ނޮވެމްބަރުމަހުގެ ނިޔަލަށް ޖަރުމަނުވިލާތުން 103،067 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން ވަނީ 94،258 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޒަމާންވީ މާކެޓް، އިޓަލީވިލާތުން މި މުއްދަތުގެ ތެރޭގައި 74،092 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނޮވެމްބަރުމަހުގެ ނިޔަލަށް ރަޝިޔާއިން 54،364 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަރަންސޭސިވިލާތުން ވަނީ 36،874 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 2016 އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ލެޓްވިއާ ފިޔަވައި ޔޫރަޕްގެ ހުރިހާ ޤައުމަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ.



ޔޫރަޕުން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރުވެ، ޔޫރަޕްގެ އެކި ޤައުމުތަކުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަކަމީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން މިއަދު އެންމެބޮޑަށް ފާހަގަކުރާ އެއްކަމެވެ. ޔޫރަޕަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާއިރު، ސަރުކާރާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.