ޚަބަރު

"އިންތިޚާބުގެ ދުވަސްވަރު ލާދީނީ ފިކުރު ފަތުރަން މަސައްކަތްކުރޭ"


ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ތަފާތު ދީންތައް ފެތުރުމަށް ނުފޫޒު ފޯރުވާ ކަމަށާއި މިކަމަށް ސަމާލުވުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ. މިނިސްޓަރ މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.



ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށް ވުމުން ދުނިޔޭގައި ރާއްޖެއަށް ވަރަށް ރީތި ނަމަކާއި ޝަރަފެއް ލިބިފައިވާ ކަމަށެވެ. މިޝަރަފާއި ޝުހުރަތް ލިބިފައިވަނީ ރާއްޖެ އިސްލާމްވުމަށްފަހު ދިވެހިންގެ އާދަކާދައާއި ޘަޤާފާތައަށް އައި ބަދަލުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމީ އުސޫލުތަކަށް ނުފެތޭ ފިކުރެއް ނުވަތަ މަހުފޫމެއް ރާއްޖެއަށް ގެނައުމަށް ފުރުސަތު ދޭން ނުޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އިސްލާމްދީނާ ފުށުއަރާ ޑިމޮކްރަސީއަކީ ރާއްޖޭން ގަބޫލުކުރާނެ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމު ޤާއިމުވެފަ އޮންނަ ގޮތުން ރިޔާސީ އިންތިހާބެއް ކައިރިވެގެން އަންނައިރު، ދީނީ ތަފާތު ފިކުރުތަކުގެ މީހުން ދީން ފެތުރުމަށް މަސައްކަތް ކުރާކަމަށެވެ. އެހެންވެ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް އެހެން ދީންތަކަށް ފުރުސަތު ނުދިނުމަށް ޖިހާދު ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަޒުމް ކަނޑައަޅަންޖެހެނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކާ އަދި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައިވެސް ޤައުމުގައި އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށް ވަރުގަދަ މަސައްކަތްތަކެއް، ޖިހާދެއް ކުރަންޖެހިފައިވާކަން. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި އެފަދަ ކަމަކަށް ފުރުޞަތު ލިބޭނެ ގޮތަކަށް އެއްވެސް މީހެއްގެ ފިކުރު ގެންގުޅުމަކީ މި ޤައުމަށް ބޭނުންވާނެކަމެއް ނޫންކަމަށް" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގެ ޒަރީއާއިން ފަތުރާ ލާދީނީ މައުލޫމާތުތައް ހުންނަނީ ތުއްތު ކުދިންނާއި ޒުވާނުންގެ ހިތްތަކަށް ފަސޭހައިން ވަދެ، ވިސްނޭ ގޮތަށް ކަމަށާއި މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގައި މި ފަދަ ބުހުތާނު ދޮގުތައް ހަޤީޤަތެއްކަން ދޭހަވާ ފަދަ މޭރުމަކުން ފަތުރާއިރު، ބެލެނިވެރިންނާއި ސްކޫލުތަކުން މިކަމަށް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބާޠިލް ދީންތަކުގައި އުޅޭ ބައެއްމީހުންގެ ކަންތައްތައް ފަތުރަން ބޭނުންކުރާފަދަ ގަދަފަދަކަމެއް، އަދި ލޭއޮހުރުވުމެއް އިސްލާމްދީން ތަޢާރަފް ކޮށްފައިނުވާކަމަށެވެ. އިސްލާމްދީނަކީ ދެދުނިޔެ ކާމިޔާބުކޮށްދޭ ދީންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮންމެ އިންސާނަކަށްވެސް މި މާތްދީން މުހިއްމުވާނެކަމަށެވެ. ލިޔަންކިޔަން ނުދަތުމާއި އިސްލާމްދީނުގެ ނަމުގައި ބައިބައިވުމާއި އަދާވާތްތެރިކަންފަދަ ދީނުގެ އަސްލުތަކާ ޚިލާފު އެތައް ގޯހެއް މުސްލިމުންގެ ތެރޭގައި އޮތްކަން އިސްލާމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ރާއްޖެ އޮތް ހާލަތަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.



"ކޮންމެ މަހަކު އެއްފަހަރު އަންހެން ކުއްޖެއްގެ ޢިއްޒަތް ނަގާލެވި ފުރާނަ ދުއްވާލެވޭއިރު ކުޑަމިނުން އެ ވަނީ ކީތްތޯ ބަލާލުމުގެ ވިސްނުމެތް ނުހުރޭ. ރާއްޖެ އިސްލާމްވުމުގެ ކުރިން މައިންބަފައިންގެ ހޭލުންތެރިކަމާއި އުމުރުން ދުވަސްވީ މީހުންގެ ހޭލުންތެރިކަމެއް ނެތް. ހުރިހާ ކަމެއް އޮތީ ކުށްހީގެ އަތްމައްޗަށް ދޫކޮށްލެވިފަ" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.



ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ހޯމް މިނިސްޓަރ އަޒްލީން އަހްމަދުއާއި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.