ދުނިޔެ

ޤުދުސާމެދު އދ.އަށް ހުށަހެޅި ޤަރާރު ފާސްކޮށްފި


އެމެރިކާގެ އިންޒާރުތަކަށް ބީރު ކަންފަތެއް ދީ، ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ކޮންމެ ޤައުމަކުން ނިންމިޔަސް އެނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ރާއްޖެއިން ކޯ ސްޕޮންސަރކޮށް، އދ.ގެ ޢާންމު މަޖިލީހަށް ހުށައަޅާފައިވާ ޤަރާރު، ތަނަވަސް އަޤުލަބިއްޔަތަކުން ފާސްކޮށްފިއެވެ.

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ކޮންމެ ޤައުމަކުން ނިންމިކަމުގައިވެސް އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އދގެ ޢާންމު މަޖިލީހަށް ހުށައަޅާފައިވާ ޤަރާރާ އެއްކޮޅަށް 128 ދަޢުލަތަކުން ވޯޓުލާފައިވާއިރު ޤަރާރާ ދެކޮޅަށް ވޯޓުލާފައިވަނީ 9 ޤައުމަކުންނެވެ. 35 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވީ މި ޤަރާރު ފާސްވުމަކީ ފަލަސްތީނަށް ލިބުނު ނަޞްރެއްކަމަށެވެ.

ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން އދގެ ޢާއްމު މަޖިލީހުގެ ތަޅުން ވަނީ ބަޙުޘަށް ހުޅުވާލާފައެވެ. މި ފުރުޞަތުގައި ގިނަ ޢަދަދެއްގެ ޤައުމުތަކުން ވާހަކަދައްކާފައިވާއިރު، ގިނަ ޤައުމުތަކުން އޭރުވެސް ބުރަވީ، އެމެރިކާއިން ޤުދުސާމެދު ނިންމި ނިންމުމާ ދެކޮޅަށެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު ވަނީ، ފަލަސްތީނުގެ ބިންތަކުން ފައިބާ މެދުއިރުމަތީގެ ސުލްޙައަށް މަގުފަހިކުރާނެ ފަދަ މާޙައުލެއް ޤާއިމުކުރުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި ރާއްޖެ އަބަދުވެސް ތާއީދުކުރާނީ ވަކި ދެ ދަޢުލަތެއް ޤާއިމުކޮށްގެން މެދުއިރުމަތީގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށްކަމަށް ޑރ ނަސީރު ވިދާޅުވިއެވެ.

މި މަޖިލީހުގައި ވާހަކަދައްކަވަމުން ފަލަސްތީނުގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް ރިޔާދް އަލް މަލްކީ ވިދާޅުވީ، އިސްތިޢުމާރުކުރުމާއި ސުލްޙައަކީ އެކުއެކީގައި އަންނާނެ ކަންކަމެއް ނޫންކަމަށެވެ. ފަލަސްތީނުގެ މައްސަލައަކީ އދ ވެސް ހިމެނޭ ފަދައިން މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޒިންމާއެއްކަމަށް އަލް މަލްކީ ފާހަގަކުރެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނުގެ ދަޢުލަތް އެކުލަވާލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު އެއްބާރުލުންދޭންޖެހޭކަމަށް އަލް މަލްކީ ވިދާޅުވިއެވެ. މީގެ އިތުރުން، ޢަބުރުވެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭނޭ ފުރުޞަތު ލިބޭނޭ ދުވަހަކާމެދު އަލް މަލްކީ ވަނީ ސުވާލު އުފައްދަވާފައެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ޗެވުޝޮގްލޫ ވިދާޅުވީ، މި ވޯޓަކީ، ފަލަސްތީނު އޮތީ އެކަހެރިވެފައި ނޫންކަން ދެއްކުމަށް މުހިއްމު ވޯޓެއްކަމަށެވެ. މަލްކީއެކޭ އެއްފަދައިން ޗެވުޝޮގްލޫވެސް ވަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނުގެ ދަޢުލަތް އެކުލަވާލައި އިރުމަތީ ޤުދުސަކީ އެ ދަޢުލަތުގެ ވެރިރަށްކަމުގައި ބަލައިގަންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި ވޯޓުގެ ކުރިން އެމެރިކާއިން ދިން އިންޒާރުތަކަކީ ގަނާކުރުމުގެ ޢަމަލެއްކަމަށް ޗެވުޝޮގްލޫ ވިދާޅުވިއެވެ.

މެދުއިރުމަތީގެ ސުލްޙަ އާއި ހަމަޖެހުމާއި ތަރައްޤީއަށް ފުރުޞަތުދިނުމަށްޓަކައި ބައިނަލްއަޤުވާމީ މަސްރަޙުން އެއްބައިވުމަށް ޗައިނާއިންވެސް ވަނީ ގޮވާލާފައެވެ. މެލޭޝިޔާއިން އދށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވީ އެމެރިކާގެ ނިންމުމަކީ އދގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ފުށުއަރާ ނިންމުމެއްކަމަށެވެ. އަދި ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ކަނޑައެޅުމަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރުން ކަމަށް މެލޭޝިޔާއިން އދށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވިއެވެ. އުތުރު ކޮރެއާގެ މަންދޫބު ވިދާޅުވީ މެދުއިރުމަތީގެ މައްސަލައަށް ޙައްލެއް ގެނައުމަށް ބައިނަލްއަޤުވާމީ މަސްރަހުން ކޮށްފައިވާ މަސައްކަތްތަކަށް އެމެރިކާ އާއި އިސްރާއީލުންވެސް އިޙުތިރާމުކުރަން ޖެހޭނެކަމަށެވެ.

އެ ބަހުޘްގައިވެސް އެމެރިކާ އާއި އިސްރާއީލުން ދައްކާފައިވަނީ ހަރުކަށި އަދި ގޮތްދޫނުކުރުމުގެ އުޞޫލެކެވެ. ޓްރަމްޕްގެ ނިންމެވުމަކީ މެދުއިރުމަތީގެ ސުލްޙައަށް އޮތް ހުރަހެއް ނޫންކަމަށް އެމެރިކާއިން ބުނާ ނިންމުން އެމެރިކާއިން އދށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ވިދާޅުވިއެވެ. ހޭލީ ވިދާޅުވީ، އދ އަކީ އަބަދުވެސް އިސްރާއީލާ ހަތުރުވެރި ޖަމާޢަތެއްކަމަށެވެ. އަދި އެމެރިކާއަކީ އދ އާއި އދގެ އޭޖެންސީތަކަށް އެންމެ ބޮޑު ހޭދައެއް ކުރާ ޤައުމުކަން ހަނދާންކޮށްދެއްވާ ހޭލީ ވިދާޅުވީ، އދން އަނެއްކާވެސް އެމެރިކާގެ އެހީއަށް އެދި، އަދި އެމެރިކާގެ ނުފޫޒަށް އެދި އަންނަ ހިނދު، މި މައްސަލައިގައި އދން އެމެރިކާ އެކަހެރިކުރި ކުރުން ވަރަށް ރަނގަޅަށް ހަނދާންކުރާނެކަމަށެވެ. އަދި އދގައި ނަގާ އެއްވެސް ވޯޓެއްގެ ސަބަބުން ޓްރަމްޕްގެ ނިންމެވުމަށް ބަދަލެއް ނާންނާނެކަމަށް ހޭލީ ވިދާޅުވިއެވެ.

އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ވިދާޅުވީ، މި މަޖިލިސް ކުރިއަށްގެންދާ ކަމީވެސް ލަދުވެތިކަމެއް ކަމަށެވެ. އަދި އެއްވެސް ޖެނެރަލް އެސެމްބްލީއަކުން ނުވަތަ ޔުނެސްކޯއިން ނިންމާ ނިންމުމަކުން އިސްރާއީލުގެ ރައްޔިތުން ޤުދުސުން ބޭރު ނުކުރެވޭނެކަމަށް އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ވިދާޅުވިއެވެ.