ޚަބަރު

އެމެރިކާއާއި އިސްރާއީލަށް ރާއްޖެއިން ވަރުގަދަ ރައްދެއްދީފި


ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ކޮންމެ ޤައުމަކުން ނިންމިޔަސް އެނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޔަމަނުން ހުށަހެޅި ޤަރާރާމެދު ވާހަކަ ދައްކަވަމުން އދ.ގެ ޢާއްމު މަޖިލީހުގައި އެމެރިކާއައި އިސްރާއީލުން ދެއްކި ވާހަކަތަކަށް ރާއްޖެއިން ހޫނު ރައްދެއްދީފިއެވެ. 

ޤުދުސާ ބެހޭ ޤަރާމެދު އދ.ގެ ޢާއްމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ސަފީރު ވިދާޅުވީ އެމެރިކާގެ އެމްބަސީ ބަހައްޓާނެ ތަނެއް ކަނޑައެޅުމަކީ އެޤައުމުގެ އަމިއްލަ ހައްޤެއް ކަމަށާ، އެކަމާބެހޭގޮތުން ގޮތްނިންމުމަކީ އެހެންޤައުމުތަކަށް އޮތް ހައްޤެއް ނޫންކަމަށެވެ. އަދި އެމެރިކާއަކީ އދ.އަށް މިހާރަށް އެންމެ ބޮޑަށް ޚަރަދުކުރާ ޤައުމަށްބުނެ އެމެރިކާސަފީރުވަނީ އދ.އަށް އެގޮތަށް ޚަރަދުކުރުމާމެދު ދެވަނަ ވިސްނުމަށް ދާންޖެހިދާނެކަމަށް ވިދާޅުވެފައެވެ. އަދި މި ޤަރާރާމެދު އދ.ގެ އާއްމު މަޖިލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް އެމެރިކާގެ ނިންމުމަކަށް ބަދަލެއްނާންނާނެކަމަށާ، އެކަން ބަދަލުނުވެސް ކުރާނެކަމަށްބުނެ ސަފީރުވަނީ ހަރުކަށިކަން ދައްކާފައެވެ. 

ޤުދުސާ ބެހޭގޮތުން ޔަމަނުން ހުށަހެޅި ޤަރާރު ކޯ ސްޕޮންސާ ކޮށްފައިވާ ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަސީރު ވިދާޅުވީ ދުނިޔޭގެ ޤައުމުތައް މިހާރު ތަބާވަމުން އަންނަނީ ޤާނޫނީ ހުކޫމަތަށް ކަމަށާ، އެންމެ ބާރުގަދަ ޤައުމުތަކަށް އެއުސޫލާ ޚިލާފުވުމުގެ ބާރެއް ނޯންނާނެކަމަށެވެ. ޤުދުސާބެހޭ ޤަރާރު މިރޭ އދ.ގެ ޢާއްމުމަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތަކުން ފާސްވުމުން ދޭހަކޮށްދެނީ މިހަޤީގަތްކަމަށްވެސް ޢަލީ ނަސީރު ވިދާޅުވިއެވެ.ޑރ.ޢަލީ ނަޞީރުވަނީ އިސްރާއީލަށްވެސް ރައްދުދެއްވާފައެވެ. 

އެގޮތުން ސަރަޙައްދީ ހަމަޖެހުން ޤާއިމުވާނީ އިސްރާއީލާއެކު ފަލަސްޠީނަށްވެސް މިނިވަން ދައުލަތެއްގެ ހައްޤު ލިބިގެންކަން އިސްރާއީލުން ދަންނަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެދައުލަތަކީ 1967 ވަނަ އަހަރު އޮތް ފަލަސްޠީނުގެ އިމުގެ ތެރޭގައި ހިމެނޭ ދައުލަތަކަށް ވާންޖެހޭކަމަށާ އަދި ފަލަސްޠީނުގެ ވެރިރަށަށް ވާން ޖެހޭނީ އިރުމަތީ ޤުދުސް ކަމަށްވެސް ޑރ.ޢަލީ ނަޞީރު ވިދާޅުވިއެވެ. 

އދ.ގެ އާންމު މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާއިން މިރޭ މިޤަރާރު ފާސްކުރީ  128 ޤައުމުގެމުގެ ތާޢީދާ އެކުގައެވެ. މި ގަރާރާ ދެކޮޅަށް 9 ޤައުމަކުން ވޯޓު ދިންއިރު 35 ޤައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.