ޚަބަރު

ރާއްޖެއަށް ނުފޫޒު ފޯރުވަނީ މިނިވަންކަން ނަގާލަން: ސަޢީދު


އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ ނަމުގައި އިޚްލާސްތެރިކަމެއް ނެތި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އިންތަކާއި ހުދޫދުތަކަށް ގޮންޖަހާ، ހިތުހުރި އަޤީދާއަކަށް އުޅުމަށް ގޮވާލާ ދިވެހި ދައުލަތަށް ނުފޫޒު ފޯރުވަނީ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުރަސް އަޅަން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެ އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ ބާޠިލު އަޤީދާތައް ގެނައުމަށް ގޮވާލާ ދިވެހި ދައުލަތުގެ މިނިވަންކަން ގެއްލުވާލަން ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރާކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ މެދު މީހުންގެ ހިތްތަކުގައި ނުރުހުން އުފެއްދުމަށްޓަކާ އިސްލާމް ދީނާ ޓެރަރިޒަމާއި ގުޅުވައިގެން އެކިއެކި ވާހަކަތައް ދެއްކުން އާންމުވެފައިވާކަން ފާހަގަކުރެއްވިއެވެ.



"ހިތާމަޔަކީ މުސްލިމުންގެ ތެރެއިން މަދު ބައެއްގެ އަމަލުތައް އެފަދަ ދޮގު ވާހަކަތަކަށް ބާރު ލިބޭ ފަދަ ގޮތަކަށް ހުންނަކަން. ނަމަވެސް އަޅުގަނޑުމެން ދަންނަން ޖެހޭ ހަޤީޤަތަކީ އިސްލާމް ދީނަކީ ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނައަޅާ ދިއުން ފަދަ އިންސާނިއްޔަތަށް ގެއްލުންހުރި އެންމެހާ ކަންތައްތަކަށް ނޫނެކޭ ބުނާ ދީން ކަން." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.



އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވީ އިސްލާމް ދީން ބަލިކަށި ކުރުމަށް ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއް ނޫންކަމަށާއި އެއީ އިސްލާމް ދީނަށް އަމާޒުކޮށް އިސްލާމީ އުއްމަތް ނިކަމެތި ކޮށްލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. އިސްލާމް ދީނަކީ ރަހުމާ އޯގާވެރިކަމުގެ ދީންކަން ދުނިޔެއަށް ދައްކައިދޭންޖެހޭ ކަމަށާއި ބައެއްގެ ޕްރޮޕެގަންޑާއަކުން އަދި ކުރިމަތިވާ ކަމަކުން އިސްލާމް ދީން މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ރާއްޖެއިން އިސްލާމް ދީން ފޮހެވުނަ ނުދޭން ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ ސްކޫލްތަކުގައި ދީން ކިޔަވައިދިނުން ހަރުދަނާކޮށް މަތީ ތަޢުލީމްގެ ދާއިރާއިން އިސްލާމް ދީން ކިޔަވައިދނުމަށް އިސްލާމީ ޔުނިވާސިޓީ އުފެއްދި ކަމަށެވެ.



"ކިޔަވާކުދިންގެ ހިތްކުގައި ދީނީ ލޯބި އަށަގެންނެވުމަށްޓަކައި ސްކޫލްތަކުގައި ދީން ކިޔަވާ ދިނުން ހަރުދަނާކުރައްވާފައިވޭ. މަތީ ތަޢުލީމްގެ ދާއިރާއިން އިސްލާމްދީން ވަރުގަދަ ކުރެއްވުމަށްޓަކައި އިސްލާމީ ޔުނިވަރސިޓީ އުފެއްދެވި. އިސްލާމީ ވަހްދަތާއި އިސްލާމީ ރޫޚް ޤައުމީ ފެންވަރުގައި އާލާކުރުމުގެ ގޮތުންތަރިކަ ނަމުގައި މަޝްރޫއެއް ފެށުން. ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ގެއްލިގެން ހިނގައިދާނެތީ އަދި އިސްލާމްދީން ހުރަސްއެޅޭނެ އެއްވެސް ދޮރެއް ހުޅުވެގެންދިޔަނުދެއްވުމަށް ރައީސް ޢަބްދުﷲ ޔާމިންގެ ޒަޢާމަތުގެ ދަށުން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމްދީނާއި އިސްލާމީ އަޤީދާއަށް އަމާޒުކޮށް ޤައުމުގެ އެތެރެއިންނާއި ބޭރުން ކުރިމަތިކުރަމުންދާ ގޮންޖެހުންތަކާމެދު އަދުގެ ޖީލުން ވިސްނާ ފިކުރުކުރުމަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ. އަދި އިސްލާމްދީނުގެ ނިޢުމަތް ރާއްޖެއިން ދިޔަނުދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭ ޤައުމީ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މި އަހަރު ފާހަގަ ކުރަނީ ރާއްޖެ އިސްލާމްވިތާ 891 އަހަރު ފުރުމެވެ. ރަސްމީ ޖަލްސާގައި ވަނީ ކަށިމާ އަހްމަދު ޝާކިރު ލިޔުއްވާފައިވާ "އިސްލާމް ދީން އެކި ކަންކޮޅުތަކަށް ފެތުރިގެން އައި ގޮތް" ފޮތް ނެރެދެއްވާފަ އެވެ. ފޮތް ނެރެދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެވެ.