ޚަބަރު

ޚިތާނީ ކޭމްޕުގައި ރައީސްގެ ދެކަނބަލުން އުފާވެރި ވަގުތުކޮޅެއް


ޞަދަޤާތު ފައުންޑޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދާ ޚިތާނީ ފެސްޓިވަލަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ސާބަހަށް ކުރިއަށްގެންދާ މި ޚިތާނީ ފެސްޓިވަލަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޞަދަޤާތު ފައުންޑޭޝަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ރެހެންދި ސްކޫލަށް ޒިޔާރަތްކުރެއްވުމާއެކު ޚިތާނީ ފެސްޓިވަލުގައި ބައިވެރިވާ ކުދިންނާއި އެކުންދިންގެ އާއިލާގެ މެމްބަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ރައީސް ޔާމީންގެ ދެކަނބަލުންގެ މި ޒިޔާރަތުގައި ޚިތާނީ ފެސްޓިވަލްގައި ބައިވެރިވާ ކުދިންނާ ސަލާމްކުރައްވާ އެކުދިންގެ ޙާލުއަހުވާލު ބައްލަވާލައްވައި އެކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.

އެއަށްފަހު ޚިތާނީ ފެސްޓިވަލްގެ ކުދިންނާއެކު ރައީސްގެ ދެކަނބަލުން ވަނީ ކޭކު ފެޅުމުގެ ހާއްސަ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެކުދިންނާއެކު ފޮޓޯ ސެޝަނެއްގައި ރައީސުލުޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނބަލުން ވަނީ ބައިވެރިވަޑައިގެންފައެވެ. މި ހަރަކާތުގައި ރެހެންދި ސްކޫލާއި، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައި ޚިތާނު ކޮށްފައިތިބި 100 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ. އެކުދިންގެ މޫނުމަތިން ފެނުނިީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރުތަކެވެ.ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ޒިޔާރަތުގައި، ޚިތާނީ ފެސްޓިވަލްގައި ބައިވެރިވި ކުދިންނަށް ޚާއްސަ ހަދިޔާވެސް ބެއްސެވިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ޞަދަޤާތު ފައުންޑޭޝަނުން، ހިލޭ ސާބަހަށް ކުރިއަށްގެންދާ މި ޚިތާނީ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. ސަދަޤާތު ފައުންޑޭޝަނުން ކުރިއަށްގެންދާ ޚިތާނީ ކޭމްޕުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން މީގެ ކުރިންވެސް އެކަމަނާ ވަނީ އެކި ފަހަރުމަތިން މި ފެސްޓިވަލަށް ޒިޔާރަތްކުރައްވާ ޚިތާނުކޮށްފައިތިބި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާފައެވެ.

މިއީ ޞަދަޤާތު ފައުންޑޭޝަނުން ޚިތާނީ ކޭމްޕް ކުރިއަށްގެންދާ 2 ވަނަ އަހަރެވެ. މިދިޔަ ފަހަރަށް ވުރެ ބޮޑުކޮށް މިއަހަރު މި ފެސްޓިވަލް ބާއްވާފައިވާއިރު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މި ފެސްޓިވަލް ކުރިއަށްދާނެއެވެ. ފެސްޓިވަލްގެ ތެރެއިން ކުދިންނަށް ބޭނުންވާ މުނިފޫހިފިލުވުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވެއެވެ. ހަމައެހެންމެ ކުދިންނާއި ބެލެނިވެރިންގެ ކެއުންބުއިމުގެ ހުރިހާ އިންތިޒާމެއް ސަދަޤާތު ފައުންޑޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.

ސަދަޤާތު ފައުންޑޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިޔާއިން ދަނީ ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ހިލޭ ސާބަހަށް ހިންގައި މުޖުތަމަޢުގައި އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.