ޚަބަރު

ރާއްޖެއާއި މެލޭޝިޔާ ދެމެދު އިޤްތިޞާދީ ގުޅުން ވަރުގަދަކުރަނީ


މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ ދެޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މުހިއްމު މަޝްވަރާތަކެވެ. ރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އިޤްތިޞާދީ ގުޅުން ފުޅާކުރުމުގެގޮތުން ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަށް މިދަތުރުފުޅުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ދެ ޤައުމުންވެސް އެއްބަސްވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހާއްސަ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤްގެ ދެކަނބަލުން 19 ޑިސެމްބަރު 2017 އިން 20 ޑިސެމްބަރު 2017 ގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެޤައުމުގެ މަސްލަޙަތު ހިމެނޭ ދޭދޭ ގުޅުމާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މަސްރަހާ ގުޅުން ހުރި ކަންކަމާ ބެހޭގޮތުން އެކުވެރި މާހައުލެއްގައި ދެ ޤައުމުގެ އިސްވެރިންވަނީ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި ހުރިހާ ދާއިރާއަކުންވެސް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ދެޤައުމަށްވެސް އިތުރަށް ފައިދާ ކުރަނިވި ގުޅުމެއް ދެމެއްޓުމަށް ދެފަރާތުން ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި ދެއްވާފައިވެއެވެ. 

ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމު ގުޅިގެން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި އިޤްތިޞާދީ ގޮތުން މެލޭޝިޔާއިން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މެލޭޝިޔާއިން ވެދެއްވާ އެހީތެރިކަމަށް މެލޭޝިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ފުޅާކުރުމަށް ފުރުސަތުތައް ހުރިކަން ފާހަގަކުރައްވާ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއާއި ޕްރައިވެޓް ސެކްޓަރގައިވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހިރާއްޖެއާއި މެލޭޝިޔާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި މަޤުބޫލު ދެ މަންޒިލަށްވުމާއެކު ދެޤައުމަށް ފައިދާ ހުރި ގޮތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއާއި މެލޭޝިޔާއާއި ދެމެދު މަޝްވަރާ ކުރައްވާފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15137593341334.jpg| ރާއްޖެއާއި މެލޭޝިޔާއިން ސިޔާސީ ގުޅުން ޤާއިމުކުރިތާ 49 އަހަރުވެފައިވާއިރު މެލޭޝިއާއަކީ ރާއްޖޭއާއި ވިޔަފާރީގެ ގުޅުން ވަރުގަދަ ޤައުމެކެވެ. އެގޮތުން ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރާ 5 ޤައުމުގެ ތެރޭގައި މެލޭޝިއާ ހިމެނެއެވެ. ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ 7 އިންސައްތަ ހިއްސާކުރަނީ މެލޭޝިޔާއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހިނގާ 2017 ވަނަ އަހަރުގެ މިހާތަނަށް މެލޭޝިއާއިން ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު 2.4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. 

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަރުދަނާ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ދެ ޤައުމުންވެސް ދެކެއެވެ. ވަކިން ހާއްސަގޮތެއްގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކަކީ ކޮބާތޯ ބަލާ އެކި ރޮނގުރޮނގުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މެލޭޝިޔާއިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ދެއްވިއެވެ.