ޚަބަރު

އެމެރިކާގެ އިންޒާރާއެކުވެސް ދިވެހިރާއްޖެ ފަލަސްތީނާއެކު


ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ކޮންމެ ޤައުމަކުން ނިންމިޔަސް އެނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށްއެދި އދ.ގެ ޢާންމު މަޖިލީހަށް ހުށައަޅާފައިވާ ޤަރާރަށް ވޯޓްދޭ ޤައުމުތަކަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު ދީފައިވަނިކޮށް، ދިވެހިރާއްޖެއިން އެޤަރާރު ކޯ ސްޕޮންސަރ ކޮށްފިއެވެ.

ފަލަސްޠީނުގެ ޤުދުސަކީ އިސްރާޢީލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގަނެ، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމި ނިންމުން ބާޠިލުވާގޮތަށް އދ.ގެ ޢާންމު މަޖިލީހަށް ހުށައަޅާފައިވާ ޤަރާރާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެޤަރާރަށް ވޯޓްދޭ ޤައުމުތަކަށް އެމެރިކާއިން ދޭ އެހީ ހުއްޓާލާނެކަމަށެވެ. ޓްރަމްޕްގެ މި އިންޒާރާއެކުވެސް އަރަބި ބައެއް ޤައުމުތަކުން ހުށައެޅި މި ޤަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާކަމަށް ދިވެހިރާއްއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު ވިދާޅުވިއެވެ. ޑރ. ނަޞީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން ދިވެހިރާއްޖެއިން އދ.ގެ ޢާންމު މަޖިލީހުގައި މިއަދު ސްޓޭޓްމެންޓެއް ދެއްވާނެކަމަށެވެ. އަދި މި ސްޓޭޓްމަންޓްގައި ޤުދުސަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ދިވެހިރާއްޖެއިން ބުނާ ބުނުން ތަކުރާރު ކުރައްވާނެކަމަށެވެ.

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހަށްވެސް މިފަދަ ޤަރާރެއް ހުށައަޅާފައިވެއެވެ. ނަމަވެސް މިޤަރާރު އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ. މި ޤަރާރު ވީޓޯ ކުރުމަށްފަހު އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކީ ހޭލީ ވިދާޅުވީ މި ޤަރާރާ އެއްކޮޅަށް ވޯޓްދެއްވި ޤައުމުތައް "ހަނދާން ނައްތައި ނުލާނެ" ކަމަށެވެ. އަދި ޢާންމު މަޖިލީހަށް މިއަދު ހުށައަޅާފައިވާ ޤަރާރާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެޤަރާރާ އެއްކޮޅު ޤައުމުތަތަކީ އެމެރިކާއިން އެހީގެ ގޮތުގައި އެތައް ފައިސާއެއް ހޯދާ ޤައުމުތައްކަމަށެވެ. އަދި އެ އެހީތައް ކަނޑާލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއިން ގެންދަނީ ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި މުސްލިމުންނާ އެއްކޮޅަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން ފަލަސްތީނުގެ މައްސަލައިގައި ފަލަސްތީނާ އެއްކޮޅަށް ގެންދަނީ ވަކާލާތުކުރަމުންނެވެ. ދިވެހިރާއްޖެއިން ޤަބޫލުކުރާ ގޮތުގައި ޤުދުސާ ގުޅޭގޮތުން ޓްރަމްޕްގެ ނިންމުމަކީ، ފަލަސްތީނާއި އިސްރާޢީލުގެ މައްސަލައިގައި "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ "ދެ ޤައުމުގެ ޙައްލު" ހޯދުމަށް އެޅޭ ހުރަހެއްކަމަށެވެ.

ޓްރަމްޕަކީ މުސްލިމުންނާ ދެކޮޅަށް ވަރަށް ހަރުކަށި ފިކުރު ގެންގުޅުއްވާ ރައީސެކެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ޓްރަމްޕް ގެންދަނީ އދގެ ޤަރާރުތަކާ ޚިލާފަށް އިސްރާއީލަށް ވާގިވެރިވަމުންނެވެ.