ޚަބަރު

މެލޭޝިޔާއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދޭނެ - ނަޖީބް


މެލޭޝިޔާއިން ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެހީތެރިވަމުންދާނެކަމަށާ، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއާއެކު ގާތުން މަސައްކަތްކުރަމުންދާނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދަޅުވީ ރާއްޖެއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅާ ގުޅިގެން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައެވެ.

ތިރީސް ތިން އަހަރަށްފަހު މެލޭޝިޔާގެ އިސްވެރިއެއް ރާއްޖެއަށް ކުރެއްވި ދަތުރު ބުދަދުވަހު ނިންމާލާފައިވާއިރު، ރާއްޖެއާއި މެލޭޝިޔާއިން ވަނީ ދަތުރުފުޅާބެހޭ ގޮތުން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެފައެވެ. މިސްޓޭޓްމަންޓުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤު ދެއްކެވި ވާހަކަފުޅަށް ބަލާއިރު، މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައިވާ ތާރީޚީ ގުޅުން އިތުރަށް ހަރުދަނާވެ ދޭދޭ ގުޅުން ބަދަހިވާނެކަމަށް ވިދާޅުވިއެވެ. އަދި މެލޭޝިޔާއިން ރާއްޖެއަށް އަބަދުވެސް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުން ގެންދާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ. ޚާއްސަކޮށް އިންސާނީ ވަސީލަތް ބިނާކުރުމަށް ރާއްޖެއަށް އެހީތެރިވުމުގައި މެލޭޝިޔާއިން ދެމިއޮންނާނެކަމަށް ބޮޑުވަޒީރު ނަޖީބް ވިދާޅުވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައިވަނީ އެޤައުމަކީ ޙަލާލް ސެޓިފިކޭޝަންގައި ކުރިއަރާފައިވާ ޤައުމެއްކަން ފާހަގަކޮށް، ރާއްޖޭގައި ހަލާލް ކާބޯތަކެއްޗާ ޚިދުމަތްތައް ފުޅާކުރުމަށް މެލޭޝިޔާއިން އެހީތެރިވެދެއްވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުންވެސް ނަޖީބް ވަނީ ރާއްޖެއިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައި ފަތުރުފުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފްކުރައްވަމުން، މެލޭޝިޔާއިން ރާޢްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިސާލުނަގާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މެލޭޝިޔާގެ ކުންފުނިތަކަށް ފުރުސަތުލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ބޮޑުވަޒީ ވިދާޅުވިއެވެ.

ރާއްޖެއާ މެލޭޝިޔާއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތް ފުޅާ ކުރުމާ ބެހޭގޮތުން މެލޭޝިޔާގެ ބޮޑުވަޒީރުވިދާޅުވީ ޓެރަރިޒަމާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލްތައް ހުޓުވުމުގައި މެލޭޝިޔާއާއި ރާއްޖެއިން އެކުގައި ކުރަ މަސައްކަތް ދެމިއޮންނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި، އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަދުކާ ސެރީ ރޮސްމާހް މަންސޫރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގެންފައިވަނީ ބުދަދުވަހުގެ މެންދުރުފަހުއެވެ.