ކުޅިވަރު

ސީޒަން ތެރޭގައި ކުޅުންތެރިންނާ ވާހަކަ ދެއްކުން ހުއްޓުވަންޖެހޭ


ސީޒަން ނުމިމެނީސް ކުޅުންތެރިން ލައްވާ ކުލަބު ބަދަލު ކުރުވަން ދިވެހި ކުލަބުތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، މިކަމަށް ނިމުން ގެންނަން ޖެހޭ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ. 

އޭނާ ބުނީ ދިވެހި ލީގު ނިމުމާއެކު ބައެއް ކުލަބުތަކުން ޓީސީގެ ކުޅުންތެރިންނަށް ބޮޑެތި އޮފާތައް ހުށަހަޅަން ފަށައިފި ކަމަށާއި، އެއިރު ސީޒަނުގައި ބާކީ މުހިންމު ދެ މުބާރާތް އޮތް ކަމަށެވެ. މިހެންވެ މިފަދަ ކަންކަމުގެ ނޭދެވޭ އަސަރު ކުޅުންތެރިންނާއި، ކުލަބަށް ވެސް ފޯރަމުންދާ ކަމަށާއި، މިއީ ދިވެހި ފުޓްބޯޅައިގައި ވަރަށް ގޯސްކޮށް ކުރެވެމުން އަންނަ ކަމެއް ކަމަށެވެ. 

ފަހު ދެ މުބާރާތުގެ ފައިނަލްގައި ކުޅެ ނިއު އަތުން ޓީސީ ބަލިވިއިރު އެ ޓީމަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕް ޔަގީންވެފައެވެ. މިހެންވެ އަންނަ އަހަރަށް ޓީމު ވަރުގަދަ ކުރަން މަސައްކަތްކުރާއިރު، މިވަގުތު އެގްރީމަންޓް އާނުކޮށް ހުރީ ޓީމުގެ އެންމެ ވިދުންގަދަ ތަރި ނާއިޒް ހަސަން (ދާދު)އެވެ. އޭނާ ހޯދުމަށް ނިއު އާއި މާޒިޔާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.