ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އިތުރު ބޯޓެއް ގެނެސްފި


ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ.

ކެނެޑާއިން ގެނައި މި ބޯޓަކީ ޑީއެޗްސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ. އަލަށްގެނައި މި ބޯޓާއިއެކު މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު ވަނީ 12 އަށް އިތުރުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިސް ވިދާޅުވީ، އަލަށް ގެނައި މި ބޯޓުގެ ސަބަބުން އައިލެންޑް އޭވިއޭޝަނުގެ ސީޕްލޭން އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފުޅާވެ އެއަރޕޯޓްތައް ތަރައްޤީވެގެން އަންނައިރު، އައިލެންޑް އޭވިއޭޝަނުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަމަށް ހާރިސް ވިދާޅުވިއެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ބޯޓު ޙިދުމަތުގައި ބޭނުންކުރާނެ ކަމަށެވެ. މި ބޯޓުގެ އިތުރުން އަންނަ ޖަނަވަރީ އަދި މާރޗް މަހުގައި ސީޕްލޭން ފްލީޓަށް އިތުރު 2 ބޯޓު ގެންނާނެކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.

"އިރާދަކުރެއްވިއްޔާ ހަމަ ޖަނަވަރީމަހު 15 ގެ ކުރިން އިތުރު 1 ބޯޓު ފްލީޓަށް ޖޮއިން ކުރާނެ. ޖަނަވަރީ 15 ގެ، މިދަންނަވާ ބޯޓުގެ އިތުރުންވެސް މާރޗް ހިސާބުގައި އަދި އިތުރު 1 ބޯޓު އަޅުގަނޑުމެންގެ ފްލީޓަށް އިތުރުކުރެވޭނެ" ހާރިސް ވިދާޅުވިއެވެ. 

އައިލެންޑް އޭވިއޭޝަނުން އަންނަނީ ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ސީ ޕްލޭންގެ ޚިދުމަތް ދެމުންނެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ފަނަރައަށްވުރެ ގިނަ ދަތުރު ސީ ޕްލޭންތަކުން ކުރަމުންއަންނަކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއެވެ.