ދަޢުލަތުގެ ބެލުމުގެދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒު ފިޔަވައްޗައް މެލޭޝިއާ ސަރުކާރުން ފައިސާގެ އެހީއެއް ދީފިއެވެ.
މި އެހީ ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމަހް މަންސޫރް، ހުޅުމާލޭގައި ހުންނަ ދަޢުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައެވެ.
ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ކުދިން ދިރިއުޅުމަށް 2016ވަނައަހަރު ހުޅުމާލޭގައި ޤާއިމުކުރި މަރުކަޒެކެވެ. ދަޢުލަތުގެ ބެލުމުގެދަށުގައި ފިޔަވަތީގައި މިހާރުވެސް 94 ކުއްޖަކު ބަލަހައްޓަމުންދެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، މެލޭޝިއާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރްވަނީ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންގެ ހާލު ބައްލަވާލެއްވުމަށް ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒައް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައިވަނީ ފިޔަވަތީގައި ދިރިއުޅެމުންދާ އެކި ޢުމުރުގެ ކުދިންނާއި ވަކިވަކިން ބައްދަލުކުރައްވާ ކުދިންގެ ޙާލު ބައްލަވާލައްވާފައެވެ. މީގެއިތުރަށް ފިޔަވަތީގެ އިސްވެރިންނާއި ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންވަނީ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ހަދިޔާ ބައްސަވާފައެވެ.
ދެބޭފުޅުންގެ މި ޒިޔާރަތުގައި މެލޭޝިއާގެ އިންޓަރނޭޝަނަލް ޔޫތް ސެންޓަރުގެ ފަރާތުން ފިޔަވައްޗަށް ދެއްވި އެހީ ވަނީ އެ މަރުކަޒާއި ހަވާލުކޮށްފައެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޓަރނޭޝަނަލް ޔޫތް ސެންޓަރުގެ ޑިރެކްޓާރ މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަފިޢީއެވެ. ފިޔަވަތީގެ ފަރާތުން މި އެހީއާއި ހަވާލުވީ އެ މަރުކަޒުގެ ސީއީއޯ ފާޠިމަތު ޝިޔާމާއެވެ.
މި ޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިން ކުރަހާފައިވާ ބައެއް ކުރެހުންތަކާއި، ދިވެހި ސަޤާފަތް ދައްކުވައިދޭގޮތަށް ތައްޔާރުކޮށްފައިވާ ތަކެތި އެ ދެ ބޭފުޅުންވަނީ ބައްލަވާލައްވާފައެވެ. މީގެއިތުރަށް ފިޔަވަތީގެ ކުދިން ހުށައެޅި ސަޤާފީ އައިޓަމާއި، ފިޔަވައްޗާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއްވަނީ ބައްލަވާލައްވާފައެވެ.
ފިޔަވައްޗަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީވެސްވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތް އިބްރާހިމާއި، މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސްރީ ރޮސްމަހް މަންސޫރް، ހުޅުމާލެއަށް ވަޑައިގަތުމުން ހުޅުމާލެއިން އެދެބޭފުޅުންނަށްވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.