ޚަބަރު

ރާއްޖެއާއި މެލޭޝިޔާގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރަނީ


އިސްލާމީ އުއްމަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިސްލާމީ މުޖުތަމަޢުގެ ކަރާމާތާ، އިސްތިޤްލާލް ދެމެހެއްޓުމަށް ދިވެހިރާއްޖެއާ މެލޭޝިއާއިން ކުރާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިޔާއާއި ރާއްޖެއާ ދެމެދު މިއަދު ހެނދުނު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުން ދިން ޖޮއިންޓް ސްޓޭޓްމަންޓުގައެވެ.

ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ބޭއްވުނު ރަސްމީ ވާހަކަތައް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ދެ ޤައުމުގެ ދެމެދު އެކި އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ރަސްމީ މަޝްވަރާތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މެލޭޝިއާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤް ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެއްވާފައެވެ. މިސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުން ބޭއްވެވި ރަސްމީ ވާހަކަތަކުގައި އިސްލާމީ ޤައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދު ކުރެވުނު ރަސްމީ މަޝްވަރާތައް ވަރަށްވެސް ކާމިޔާބުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ބަޔާނުގައި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއާއި މެލޭޝިއާ ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެއްވުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި މެލޭޝިއާ ގުޅިގެން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިއާގެ ބޮޑުވަރީޒު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤް ވަނީ ރާއްޖޭގެ ތަރައްޤީއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމުގެ ފުރިހަމަށް ޔަޤީންކަން ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތައް ބިނާކުރުމަށް މެލޭޝިއާގެ ފަރާތުން ޚާއްސަ އިސްކަމެއްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުންދާ މިންވަރާއި، ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތައް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކަކީ ކޮބައިތޯ ބަލައި، ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރެއްވުމުގެ ޝަޢުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.

ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް މެލޭޝިއާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެއިން މިއަދު ހޯދަމުންދާ ކާމިޔާބީތަކަށްވެސް މެލޭޝިއާގެ ސަރުކާރުން ވަނީ ތަޢުރީފު ކުރައްވާފައެވެ.