ޚަބަރު

އިޖްތިމާއީ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރައްވައިފި


ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތް އިބްރާހިމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސްރީ ރޮސްމާ މަންސޫރްއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިޖްތިމާޢީގޮތުން އަންނަމުންދާ ތަރައްްޤީތަކާއި، ދެބޭފުޅުން ކުރަވަމުންގެންދަވާ އިޖްތިމާޢީ އެކިއެކި މަސައްކަތްޕުޅުތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތް އިބްރާޙީމްވަނީ އޯޓިޒަމް ބަލީގެ ކުދިންނަށް ޢަމާޒުކޮށްގެން މެލޭޝިއާއިން ކުރަމުންއަންނަ އެކިއެކި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މުލިއާގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެކުދިންގެ ޙައްގުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކާއި، އޯޓިޒަމް ބަލި ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކުރައްވަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ދެބޭފުޅުންވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރަޢީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ދިވެހި ސަގާފަތް ދައްކުވައިދޭ ޚާއްސަ ހަދިޔާއެއް އަރުއްވާފައެވެ.

މި ބައްދަލުކުރެއްވުމަށް މުލިއާގެއަށް ވަޑައިގެން، މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންވަނީ ރާއްޖެއިން ބޭރުން ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތް އިބްރާޙިމްގެ އަރިހުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދް ޒަކީވެސްވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ އަރިހުގައި އެޤައުމުގެ ބައެއް މިނިސްޓަރުންގެ އަނބިއަނބިކަނބަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.